އަތޮޅުގެ ރައްޔިތުން އެދޭ ތަރައްގީ ފަހިކޮށްދޭ ބަޔަކަށް އަތޮޅު ކައުންސިލް ވާންޖެހޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާ ޕިއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިންނެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގެ އަތޮޅު ކައުންސިލްތައް ބާރުވެރިކުރުވުމަށް މި ސަރުކާރުން އެތައް މަސައްކަތްތަކެއް ކުރިއަށް ގެންދާކަމަށެވެ.
އަދި މިހާރު އަތޮޅު ކައުންސިލް އޮތް ގޮތުން އެންމެ ފުރިހަމަކާއެކު އަތޮޅުގެ ރަށްތައް ތަރައްގީވަމުން އަންނަ މަންޒަރު ފެންނަމުން ނުދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިހާރު އޮތްގޮތުން، މުޅި އަތޮޅުގެ ތަރައްގީއަށްވުރެ ވަކިވަކި ރަށްތަކުގެ ތަރައްގީއަށް އަތޮޅު ކައުންސިލުން މަސައްކަތްކުރވޭ މަންޒަރުވެސް ފެންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ރާއްޖޭގައި ލާމަރުކަޒީ ނިޒާމު އޮންނަންޖެހޭ ގޕތުގެ ދިރާސާއެއް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ކުރިއަށްގެންދާކަމަށާއި އެ ދިރާސާގެ އަލީގައި ލާމަރުކަޒީ ނިޒާމުގައި ހުރި މައްސަލަތައް ފެނިގެންދާނެކަމަށް ވަޒީރު މައުލޫމާތުދެއްވިއެވެ.
"އަމާޒަކީ ކުރިއަށް އޮތް ތަނުގައި ދިރާސާގެ އަލީގައި ފެންނަ މުހިންމު ކަންތައްތަކުގެ މައްޗަށް ބިނާކޮށް އާންމުންގެ ޚިޔާލު ހޯދުމަށް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާ ރޯޑް ޝޯތަކާއި މީހުންގެ ޚިޔާލުތައް ވީހާވެސް ގިނައިން އެއްކޮށްގެން ރާއްޖޭގައި ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ރައްޔިތުންގެ ބައިވެރިވުމާއެކު މުހިންމު ހެޔޮ ބަދަލުތަކެއް ގެނެވުން" ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އަތޮޅު ކައުންސިލްތަކަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ރައްޔިތުންގެ ތަރައްގީއަށް މަސައްކަތް ކުރަންޖެހޭ ބަޔަކަށް ވާއިރު، އަތޮޅު ކައުންސިލުގެ މެންޑޭޓު މިހާރަށްވުރެ ހަރުދަނާކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަޒީރު އިތުރަށް ވިދާޅުވީ، ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް މުޅި އަތޮޅު ތަރައްގީކުރާ ބަޔަކަށް އަތޮޅު ކައުންސިލް ވާންޖެހޭ ކަމަށެވެ.