ކ. މާފުށީ ޖަލުގައި ދެ މެޓަލް ޑިޑެކްޓާ ހަރުކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ބޮޑީ ސްކޭން މެޝިނެއް ވެސް ގާއިމް ކުރާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައެވެ. މިނިސްޓަރު ވިދާޅުވީ މެޓަލް ޑިޓަކްޓާ ހަރުކޮށް ބޮޑީ ސްކޭން މެޝިން ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދަނީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމާއި، އޮޅުވާލައިގެން ފައިސާ ފޭރުން ހުއްޓުވުމުގެ ގޮތުން ކަމަށެވެ.
ސްކޭމް ކޯލުތައް އެންމެ ގިނައިން ކުރަނީ ޖަލުން ކަން ފާހަގަ ކުރައްވައި ވިދާޅުވީ މިކަން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށާއި އެގޮތުން މިފަދަ ކޯލްތައް ހުއްޓުވުމަށް މާފުށީ ޖަލުގައި 2 މެޓަލް ޑިޓެކްޓަރު މިދިޔަ ހަފްތާގައި ހަރުކޮށްފައިވާކަމަށާއި، ކުރިއަށް އޮތް މަހުގެ ތެރޭގައި ހަށިގަނޑު ސްކޭންކުރާ ނުވަތަ ބޮޑީ ސްކޭނިންގ މެޝިނެއް ޤާއިމްކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި މިކަމަކީ މައްސަލަ ހައްލުކުރުމަށް އެޅޭނެ ވަރަށް ރަނގަޅު ފިޔަވަޅެއް ގޮތުގައި ވެސް މިނިސްޓަރު ސިފަކުރެއްވިއެވެ.
މިއަހަރުގެ ޖެނުއަރީއާ ހަމައަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 28،003 މައްސަލަ ހުށައަޅާފައިވާއިރު މި މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ޖުމްލަ 57 މިލިއަނުން މައްޗަށް އަރައެވެ. މީގެތެރޭގައި 64ލައްކަ ޑޮލަރުވެސް ހިމެނޭ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި ތަފާސް ހިސާބުތަކަކީ 2021ވަނަ އަހަރުން ފެށިގެން ސްކޭމްގެ މައްސަލަތަކާ ގުޅޭ ރެކޯޑްތައް ބަލަހައްޓަން ފެށިފަހުގެ ތަފާސް ހިސާބުތަކެކެވެ.