ޗެމްޕިއަން އާޖެންޓީނާ މޮޅަކުން މި އަހަރުގެ ކޮޕާ އެމެރިކާ ފަށައިފި އެވެ.
މުބާރާތް ބާއްވާ އެމެރިކާގައި ރޭ ފަތިހު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ މޮޅުވީ ކެނެޑާއާ ވާދަކޮށް 0-2 އިންނެވެ.
މެޗުގައި އާޖެންޓީނާގެ ފުރަތަމަ ގޯލު 49 ވަނަ މިނެޓުގައި ޖެހީ ހޫލިއަން އަލްވަރޭޒް އެވެ. ފަހު ގޯލު 88 ވަނަ މިނެޓުގައި ލިއޮނެލް މެސީގެ އެހީގައި ޖެހީ ލަޓާރޯ މާޓިނޭޒް އެވެ.
ގްރޫޕް އޭގައި ހޯދި މޮޅާ އެކު އާޖެންޓީނާ މިހާރު ވަނީ ކޮޕާ އެމެރިކާގައި ބަލިނުވެ ނުވަ މެޗު ހަމަކޮށްފަ އެވެ. އެޓީމުން ވަނީ 2021 ވަނަ އަހަރު ބްރެޒިލްގައި އޮތް މުބާރާތް މެޗަކުން ބަލިނުވެ ކާމިޔާބުކޮށްފަ އެވެ. އަދި، އޭގެ ކުރިން ބޭއްވި ކޮޕާ އެމެރިކާގެ ތިން ވަނަ ހޮވާ މެޗު ކާމިޔާބުކުރި އެވެ.
އާޖެންޓީނާ ގްރޫޕުގައި ދެން ހިމެނެނީ ޕެރޫ އާއި ޗިލީ އެވެ. ދެން ކުޅޭ މެޗުގައި މި މަހުގެ 26 ވަނަ ދުވަހު އާޖެންޓީނާ ކުޅޭނީ ޕެރޫއާ އެވެ.
ކޮޕާ އެމެރިކާ ގްރޫޕް ބީގައި ހިމެނެނީ މެކްސިކޯ، އިކުއެޑޯ، ވެނިޒުއޭލާ އަދި ޖެމެއިކާ އެވެ. ގްރޫޕް ސީގައި ހިމެނެނީ މުބާރާތް ބާއްވާ އެމެރިކާ އާއި އުރުގުއޭ، ޕެނަމާ އަދި ބޮލީވިއާ އެވެ. ގްރޫޕް ޑީގައި ހިމެނެނީ ބްރެޒިލް، ކޮލަމްބިއާ، ޕެރަގުއޭ އަދި ކޮސްޓަ ރީކާ އެވެ.