ބައިނަލްއަގްވާމީ ވާދަވެރި މުބާރާތްތަކުގައި މެޗަކުން މޮޅުވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.
މިފަހަރުގެ ޔޫރޯގެ ފުރަތަމަ މެޗުގައި އިންގްލެންޑް ވަނީ 0-1 އިން ސާބިއާ ބަލިކޮށްފަ އެވެ. އެ މެޗުގައި އިންގްލެންޑުގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށްބުނެ ސައުތުގޭޓާއި ޓީމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
އިންގްލެންޑް ޔޫރޯގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން އެ މޮޅުވީ ފުޓްބޯޅައިގެ ތާރީހުގައި ދެ ވަނަ ފަހަރަށެވެ. އެކަމަކުވެސް އެޓީމާ މެދު އުއްމީދުތައް ބޮޑުވުމުން އެވަރުން ސަޕޯޓަރުންނަށް ނުފުދުނެވެ.
ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި އިންގްލެންޑް މިރޭ 9 ޖަހާއިރު ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ.
"އަހަރެން މި މާހައުލުގަ 8 އަހަރު ހޭދަކޮށްފިން. އެހެންވެ އަހަރެންނަށް ގަބޫލުކުރެވޭ ސަޕޯޓަރުންގެ އުއްމީދުތައް. ބައެއް ފަހަރު އެކަމާ މެދު ރުޅިގަދަވިޔަސް މިހާރު އަހަރެން މިހުރީ ހޭނިފަ" މިރޭގެ މެޗުގެ ކުރިން ސައުތުގޭޓް ބުންޏެވެ.
ސައުތުގޭޓް ބުނީ އޭނާގެ ފުރަތަމަ އަމާޒަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުން ކަމަށާއި ކުރިއަށް ވިސްނާނީ އޭގެފަހުން ކަމަށެވެ.
"މިކަހަލަ މުބާރާތްތަކުގަ މެޗަކުން މޮޅުވުމަކީ ވަރަށް އުނދަގޫކަމެއް. މިދިޔަ ދެ މުބާރާތަށް ބަލާއިރު މިފަހަރުގެ މުބާރާތުގަ ޓީމުތަކަށް ލިބޭ ތަރުހީބުވެސް ބޮޑު. މިދިޔަ އަހަރުތަކުގަ އިންގްލެންޑުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ" ސައުތުގޭޓް ބުންޏެވެ.
އިންގްލެންޑްގެ ސްކޮޑަކީ މިފަހަރުގެ ޔޫރޯގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ސްކޮޑެވެ. އެޓީމާ އެކު ތަށި ނޫން އެއްޗަކަށް އިންގްލެންޑް ސަޕޯޓަރުން އުއްމީދެއް ނުކުރެ އެވެ.
"އިންގްލެންޑުގައި މި އޮންނަ މާހައުލަށް ހޭނުމަކީ އެންމެ އުނދަގޫ އެއް ކަންތައް. އަހަރެމެންނަށް އޮތީ ހަމައެކަނި އިދިކޮޅު ޓީމާ ދެކޮޅަށް ކުޅުމެއް ނޫން. ހުރިހާ ކަމަކާ ޑީލްކުރަންޖެހޭ" ފުރުސަތު ލިބި މިހާތަނަށް އިންގްލެންޑަށް ތައްޓެއް ހޯދައިދެވިފައިނުވާ ކޯޗު ބުންޏެވެ.