ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ރޭ 0-2 އިން ހަންގޭރީ ބަލިކޮށް ޔޫރޯގެ ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކަށް މުބާރާތް ބާއްވާ ޖަރުމަނު ވެއްޖެ އެވެ.
ޖަރުމަނު ވަނީ ފުރަތަމަ މެޗުގައި ސްކޮޓްލެންޑް 1-5 އިން ބަލިކޮށްފަ އެވެ. ދެ މޮޅާ އެކު ޖަރުމަނު ގްރޫޕުގެ އެއް ވަނައިގައި އޮތީ 6 ޕޮއިންޓާ އެކު އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްވިޒަލެންޑާ އެއްވަރުކޮށްލައިގެން ވެސް ޖަރުމަނަށް ގްރޫޕުގެ އެއް ވަނަ ލިބޭނެ އެވެ.
އެ ގްރޫޕުގެ އަނެއް މެޗުގައި ރޭ ސްވިޒަލެންޑާއި ސްކޮޓްލެންޑް ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފަހު މެޗުގައި ސްކޮޓްލެންޑް ނުކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ.
ރޭގެ މެޗުގައި ޖަރުމަނުގެ ފުރަތަމަ ގޯލު ޖެހީ ޖަމާލް މުސިއާލާ އެވެ. މުސިއާލާ ވަނީ ފުރަތަމަ މެޗުގައި ސްކޮޓްލެންޑް ކޮޅަށް ވެސް ގޯލު ޖަހައިފަ އެވެ.
މުސިއާލާ އަކީ ހަންގޭރީގެ ފެރެންސް ބެނޭ އަށް ފަހު ޔޫރޯގެ ފުރަތަމަ ދެ މެޗުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
ސްކޮޓްލެންޑާއި ސްވިޒަލެންޑް އެއްވަރުވި މެޗުގެ ފުރަތަމަ ގޯލު ޖެހީ ސްކޮޓްލެންޑުގެ ސްކޮޓް މެކްޓޮމިނޭ އެވެ. ފުރަތަމަ ހާފުގައި ސްވިޒަލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ޒެރްދަން ޝަގީރީ އެވެ. ރޭގެ ގޯލާ އެކު ޝަގީރީ ވެފައިވަނީ އެންމެ ފަހުން ކުޅުނު ބައިނަލްއަގްވާމީ ހަ މުބާރާތުގައި ގޯލު ޖެހި ޔޫރަޕްގެ ހަމައެކަނި ކުޅުންތެރިޔާ އަށެވެ.
ޔޫރޯގައި އިއްޔެ ހަވީރު ކްރޮއޭޝިއާ އާއި އަލްބޭނިއާ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެ ނަތީޖާއާ އެކު ގަދަ 16 ގެ ޖާގަ ހޯދަން ކްރޮއޭޝިއާ އަށް ވަނީ އުނދަގޫވެފަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކްރޮއޭޝިއާ އިން އިޓަލީ ބަލިކުރަން މަޖުބޫރުވާނެ އެވެ.
މުބާރާތުގައި މިއަދު ވެސް ތިން މެޗު ކުޅޭނެ އެވެ. ހަވީރު 6 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސްލޮވޭކިއާ އާއި ސާބިއާ އެވެ. ރޭގަނޑު 9 ޖަހާއިރު ކުޅޭ މެޗުގައި ޑެންމާކާއި އިންގްލެންޑް ވާދަކުރާއިރު މިރޭ 12 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސްޕެއިން އާއި އިޓަލީ އެވެ.