ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ދާއިމީ ހިޔާވެއްސެއް ނޫންކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކ. ގުރައިދޫގައި ގާއިމްކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ގިނަ ބަޔަކު ދެކޭގޮތުގައި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލާނެ މީހެއް ނެތް ހާލަތުގައި އުމުރުގެ ބާކީ އޮތް ބައި ވޭތުކުރަން އޮންނަ ތަނެކެވެ.
ނަމަވެސް، ވަޒީރު ވިދާޅުވީ، އެގޮތަށް މީގެ ފަހުން އެ މަރުކަޒު ނުހިނިްގާނެކަމަށާއި، އެ މަރުކަޒަށް އަންނަ ކޮންމެ މީހަކަށްވެސް ވަކި މުއްދަތެއް ކަނޑައެޅޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެތަނާއި މެދު ދެކޭގޮތް އަޅުގަނޑުމެން ބަދަލުކޮށްފިންވަޒީރު އައިޝަތު ޝިހާމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެތަނަކީ ނަފްސާނީގޮތުން ބަލި މީހުން ފަރުވާހޯދުމަށް ގާއިމްކޮށްފައިވާ ތަނެއްކަމަށާއި، އެތަނަށް ރެޖިސްޓަރކުރާ ކޮންމެ ފަރާތަކުންވެސް އެ މަރުކަޒުން ފަރުވާ ހޯދުމަށްފަހު އާއިލާތަކާ ހަވާލުކުރައްވާނެކަމަށެވެ.
އެ މަރުކަޒުގައި ތިބޭ މީހުން މުޖުތަމައުއަށް ތައްޔާރުކުރުމަށްޓަކައި އެ މަރުކަޒުގައި އެމީހުނަށް އެތައް ޕްރޮގްރާމުތަކެއް މިހާރު ހިންގަން ފަށާފައިވެއެވެ. އެގޮތުން އެމީހުންނަށް ގޭތެރޭގެ ދިރިއުޅުމުގެ ހުނަރުތައް އުނގަންނައިދިނުމައްޓަކައި ގެއެއްގެ އެތެރެ ރަމްޒުވާގޮތަށް ވަކިން ތެރަޕީ ވިންގްއެއް މި ސަރުކާރުން ހުޅުވާފައިވެއެވެ.
މި ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވިފަހުން ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި އެތައް ބަޔަކު މުޖުތަމައުއަށް ތައްޔާރުކޮށް އަނބުރާ އާއިލާތަކާއި ހަވާކުރަައްވާފައިވެއެވެ.