ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ބޮޑެތި މާކެޓުތަކަށް ފޯކަސް ކުރާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ވަޒީރު ވިދާޅުވީ، ކޮންމެ އަހަރެއްގައިވެސް ޖޫން ޖުލައި މަހުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާކަމަށެވެ.
ވަޒީރު ވިދާޅުވީ، މިދުވަސްވަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުކަމާއި ނަމަވެސް، މި ދައްވުމަކީ އެހެން އަހަރުތަކާ އަޅާ ބެލިކަމުގައިވީނަމަވެސް، މާ ބޮޑު ދަށްވުމެއް ނޫންކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ލޯ ސީޒަންގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެތައްކަމެއް ކުރަން ރޭވިފައިވާކަމަށް ވަޒީރު މައުލޫމާތުދެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރިންގެ އޮކިއުޕެންސީ 15 އިންސައްތަ ނޫނީ 20 އިންސައްތައަށް މަތިކުރުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާކަމަށެވެ.
އެގޮތުން، ފަތުރުވެރިކަމުގެ ލޯ ސީޒަންގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރަންޖެހޭ އިޝްތިހާރުތައް އެންމެ ފުރިހަމަގޮތުގައި ކުރުމަށްޓަކައި އެމްއެމްޕިއާރުސީގެ ބަޖެޓު އިތުރުކުރުމަކީ މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހޭދަކުރާ ފައިސާއިން ކާމިޔާބު މަސައްކަތެއް ކުރެވިއްޖެނަމަ، އެ ފައިސާ އިއާދަކުރުމަކީ ފަސޭހަކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް އާމްދަނީ ލިބޭ އެންމެ ބޮޑު ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކަށް މި ސިނާއަތުން ބަރޯސާވާއިރު، ޖޫން ޖުލައި މަހަކީ ރާއްޖެއަށް އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރެވެ.