ނިއު މެކްސިކޯގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރެމުންދާތީ، އެ ސަރަހައްދުގެ ބައެއް ހިސާބުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.
ނިއު މެކްސިކޯއަކީ އެމެރިކާގެ ހުޅަނގު ދެކުނު ސަރަޙައްދުގެ ތޮއްޖެހިފައިވާ ސްޓޭޓެކެވެ.
އޭބީސީ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެކުނު ފޯކް އަދި ސޯލްޓް ސަރަހައްދުގައި ހިނގި ނުރައްކާތެރި ދެ އަލިފާނުގެ ހާދިސާގައި 20،000 އޭކަރުގެ ސަރަހައްދެއްގައި އަލިފާން ރޯވެ، ރުއިޑޯސޯ އަވަށުގެ ވަށައިގެންވާ ގާތްގަނޑަކަށް 5،000 މީހުން ހުސްކުރަން ވަނީ މަޖުބޫރުވެފަ އެވެ.
އަލިފާނުގެ ހާދިސާތަކާއި ގުޅިގެން ސްޓޭޓްގެ ގަވަރުނަރު މިޝޭލް ލުޖަން ގްރިޝަމް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވިއިރު، އެ ދެ ހާދިސާއިން ވެސް ކޮންޓްރޯލް ކުރެވޭނެ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.
ގްރިޝަމް ވިދާޅުވީ މެސްކޭލްރޯ، އޮޓެރޯ އަދި ލިންކަން ކައުންޓީތަކުގައި ދިރިއުޅޭ މީހުން ހުސްކުރުމުގެ އަމުރު ނެރެފައިވާ ކަމަށެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ، އެ މީހުން ހުސްކުރި އާބާދީގެ ތެރެއިން 500 މީހުން ހިމާޔަތް ހޯދީ ގެއްލުން ލިބުނު ސަރަހައްދުތަކުގެ 10 ހިޔާއަކާއި ސާވިސް ސެންޓަރުތަކުގައި ކަމަށެވެ.
ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިއުސީކޭ) ގެ ބޯޑުގެ ކުރީގެ މެމްބަރު ރޮބަޓް އެގަރ އެކްސްގައި ވިދާޅުވީ އޭނާ ވަޑައިގެންނެވީ ނިއު މެކްސިކޯގެ ދެކުނުއިރުމަތީގެ ރޮސްވެލް ސިޓީއަށް ކަމަށާއި، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް އިބްތިދާއީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ ޓީމް މި ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި މޮބިލައިޒް ކުރަމުން އަންނަ އިރު، އެހީ ބޭނުންވާ ފަރާތްތައް ދެނެގަނެ ވަގުތުން އެހީތެރިކަން ފޯރުކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ މިންވަރު އަދިއެއްވެސް ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް ފެޑެރަލް އަދި ސްޓޭޓްގެ 17 އިދާރާއަކުން ކޯޑިނޭޓްކޮށް 800 ސިފައިންގެ މަސައްކަތްތެރިން އެއްގަމުގައި މޮބިލައިޒް ކުރަމުން ދެއެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ ރައްކާތެރިކަމުގެ ގޮތުން ރައްޔިތުން ސަމާލުވެ، މީހުން ހުސްކުރުމުގެ އަމުރުތަކަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ.