ރާއްޖޭގެ އާބާދީ ދަށްވާ މައްސަލައާ ގުޅިގެން ގައުމީ ފެންވަރުގައި ވަރަށް އަވަހަށް މަޝްވަރާތަކެއް ކުރަންޖެހޭކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވިގޮތުގައި މިއީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫނެވެ.
އެގޮތުން އުފަންވާ ކުދިންނަށް އެކި ކަހަލަ ޢިނާޔަތްތައް ދެމުންގެންދާކަމަށާއި ވަޒީފާއަށް ދާ މީހުންގެ ކުދިން ބެލޭނެ އިންތިޒާމު ގައުމުތަކުގައި ހަރުދަނާކުރަމުން އަންނަކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ކުދިން ބެލެހެއްޓޭނެ އިންތިޒާމު ވަޒީފާއަށް ދާތަންތަނުގައި ހަރުދަނާގޮތެއްގައި ޤާއިމުކުރޭ އެބަ ޤައުމުތަކުގައި. އެގޮތުން ވަޒީފާއަށް ދާ މައިންބަފައިންގެ ކުދިން ބެލުމުގެ ޒިންމާއަދާކުރެވޭނެ މަގުތައް އެބަ ފަހިވާންޖެހޭ. ރާއްޖޭގައި ވަރަށް އަވަހަށް މިކަމާއި ގުޅިގެން ޤައުމީ ފެންވަރުގައި މަޝްވަރާތަކަކަށް އެބަޖެހޭ ދާން މިކަމުގައި ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ލިބިފައި މިހާރު އޮތް ހަނި ފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ނުހިފައިފިނަމަ ގައުމީ ތަރައްގީއަށް ހުރަސް އެޅޭނެއެވެ.