ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ފްރާންސުން އޮސްޓްރިއާގެ މައްޗަށް ހޯދި 1-0 ގެ ހަނި މޮޅުގައި ކެޕްޓަން ކިލިއަން އެމްބާޕޭ އަށް އަނިޔާވެއްޖެ އެވެ.
އެމްބާޕޭއަކީ ފްރާންސް ޓީމުގައި ހުރި އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. މެޗުގައި އެމްބާޕޭ އަށް އަނިޔާވީ ފަހުކޮޅު އެވެ. ބޮލުން ޖަހަން އެރި ބޯޅައެއްގައި އޮސްޓްރިއާގެ ކުޅުންތެރިއެއްގެ ގައިގައި އެމްބާޕޭގެ ނޭފަތް ޖެހުމުން ފަޅައިގެންގޮސް ވަރަށް ބޮޑަށް ލޭ އައެވެ. ލޭ މަނާކުރަން މަސައްކަތް ކުރިނަމަވެސް ކާމިޔާބެއް ނުވި އެވެ. އެވަގުތު ދަނޑު ބޭރުގައި ފަރުވާ ހޯދުމަށް ފަހު ރެފްރީގެ ހުއްދަ ނެތި ދަނޑަށް އެރުމުން އެމްބާޕޭ އަށް ރީނދޫ ކާޑު ވެސް ދެއްކި އެވެ.
މެޗަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ އެމްބާޕޭގެ ހާލަތު ރަނގަޅު ނޫން ކަމަށެވެ. އެކަމަކު ފްރާންސް ފުޓްބޯޅައިގެ ރައީސް ފިލިއްޕޭ ޑިއާލޯ ވިދާޅުވީ އެމްބާޕޭ ނޭފަތުގެ އޮޕަރޭޝަނެއް ކުރަން ނުޖެހޭ ކަމަށެވެ.
"އެމްބާޕޭގެ ހާލަތު ރަނގަޅެއް ނޫން. ނޭފަތަށް ވަރަށް ބޮޑަށް އަނިޔާވި. މިހާރު ފެންނަ ފެނުމުން އެހާ ރަނގަޅު ކަމަކަށް ނުބެލެވޭ. މިއީ އަހަރެމެންނަށް ވަރަށް ބޮޑު ބަދުނަސީބެއް" މެޗަށް ފަހު ކޯޗު ބުންޏެވެ.
އެމްބާޕޭއަކީ ފްރާންސަށް ކުޅުނު 80 މެޗުގައި 47 ގޯލު ޖަހާފައިވާ ކުޅުންތެރިއެކެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ފްރާންސްގެ ހަމައެކަނި ގޯލު ޖެހުމުގައި އެހީވީ އެމްބާޕޭ އެވެ. އަރިމަތިން އެމްބާޕޭ ނަގައިދިން ހުރަސް ގޯލަށް ވަނީ އޮސްޓްރިއާގެ ޑިފެންޑަރު މެކްސް ވޮބާގެ ބޮލުގައި ޖެހިފަ އެވެ.
ދެ ވަނަ ހާފުގައި އެމްބާޕޭ އަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ.
އެމްބާޕޭގެ ކެރިއަރުގައި އޭނާ އަށް އަދި ޔޫރޯގައި ގޯލެއް ޖެހިފައެއްނުވެ އެވެ. އެކަމަކު ދެ ވޯލްޑް ކަޕްގައި އެމްބާޕޭ ވަނީ 12 ގޯލު ޖަހައިފަ އެވެ.
ފްރާންސް ގްރޫޕުގެ އަނެއް މެޗުގައި ނެދަލެންޑްސް ވަނީ 2-1 އިން ޕޮލެންޑް ބަލިކޮށްފަ އެވެ. ގްރޫޕުގެ ދެވަނަ މެޗުގައި ފްރާންސް ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.