Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ސީޕީޕީސީސީގެ ވައިސް ޗެއާ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އަރިހަށް، ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ)ގެ 14 ވަނަ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން، ބާޓަރ، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ އާއި ރާއްޖޭގެ ގާތްގުޅުން ފާހަގަކުރައްވާފައެވެ. އެގޮތުން މިއަހަރު ޗައިނާއަށް އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅެއް ކުރެއްވީ އެމަނިކުފާނުކަން ފާހަގަކުރައްވައި، އެ ފުރުޞަތު އެމަނިކުފާނަށް ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ޗައިނާގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ކާމިޔާބީއަށް އިޝާރާތްކުރެއްވިއެވެ. އަދި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޭނުންފުޅުކަން ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗެއާމަން، ބާޓަރ، ވަނީ ޗައިނާގެ ރައީސްގެ ހެޔޮއެދުންތައް ރައީސްއަށް އަރިސްކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ސުޕަރ މެޖޯރިޓީ ހޯދާފައިވާތީ ރައީސްއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ޗައިނާ އާއި ރާއްޖޭގެ ޒަމާންވީ ގުޅުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖޭގެ އިސްތިޤްލާލަށް އިޙްތިރާމްކޮށް، އެއްބާރުލުން ދީ، ދެޤައުމުގެ ޚިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތްކޮށް ، ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އުންމީދުކުރައްވާކަން ތަކުރާރުކުރެއްވިއެވެ.


ވައިސް ޗެއާމަން، ބާޓަރގެ ވާހަކައިގައި 2014 ވަނަ އަހަރު ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއި، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން ގާތްވެ، ރަޙްމަތްތެރިކަން އިތުރަށް ބަދަހިވެއްޖެކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސާއި ވައިސް ޗެއާމަންވެސް ވަނީ އެކުގައި މަސައްކަތްކުރުމަށް ދެ ޤައުމުންވެސް ވަރަށް ޝައުޤުވެރިވާކަން ހާމަކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ