100 އަށްވުރެ ގިނަ ދިވެހި ހައްޖުވެރިން ވީލްޗެއާގައި އުޅުއްވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، ދިވެހިން ތިބޭ ހޮޓާ "އަލްބަަލަދް އަލްޠައްޔިބު އަޖިއަލް ހޮޓެލް" އަށް މިއަހަރުގެ އަމީރުލް ހައްޖު ޑރ. އިސްމާއިލް ޝަފީއުއާއެކު ވަޑައިގެން ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
"އިތުބާރާއި ޔަގީންކަން" ނަމުގައި ބޭއްވި މި ބައްދަލުވުމުގައި ވަޒީރު ޑރ. ޝަހީމް ދިވެހިންނާ ބައްދަލުކުރައްވާ ވިދާޅުވީ މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް 1100 އަށްވުރެ ގިނަ ހައްޖާޖީން އައިސްފައިވާއިރު އޭގެ ތެރެއިން 100 އަށްވުރެ ގިނަ ބޭފުޅުން އުޅުއްވަނީ ވީލްޗެއާގައިކަމަށެވެ.
އަދި ވަޒީރު ވިދާޅުވީ، ބޮޑެތި ބަލިތައް ތަހައްމަލުކުރަމުން ގެންދާ ދިވެހިން ތިބި ނަމަވެސް، ހުރިހާ ހައްޖާޖީންވެސް އަރަފާތު ބިމަށް ވެއްދުމުގެ މަސައްކަތްތައް ކުރައްވާނެކަމަށެވެ.
ހުރިހާ އެންމެން އަރަފާތު ބިމަށް ވެއްދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ހައްޖު ކޯޕަރޭޝަނުން ކުރާނެވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ ދިވެހި ހައްޖާޖީން ހައްޖުގެ އަޅުކަމުގައި އުޅޭއިރު އެތައް މިލިއަން ހައްޖުވެރިންތަކެއްގެ ތެރޭގައި އުޅެން ޖެހޭނެކަމަށް ވިދާޅުވެ، އަޅުކަމުގައި ކެތްތެރިވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ހައްޖުގެ މަތިވެރި އަޅުކަން ނިންމާލަންވާނީ ހިތްހެޔޮކަމާއެކުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.