Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޒްރޭލު

ޣައްޒާގައި ތިބި އިޒްރޭލު ސިފައިންގެ އާއިލާތަކުން އެމީހުންގެ ދަރިން އަނބުރާ ގައުމަށް ގެނެސްދިނުމަށް ގޮވާލައިފި

ޣައްޒާގައި ތިބި އިޒްރޭލު ސިފައިންގެ އާއިލާތަކުން އެމީހުންގެ ދަރިން އަތުން ހަތިޔާރުތައް އަތުލައި ހަނގުރާމަ ހުއްޓާލުމަށްފަހު އަނބުރާ ގައުމަށް ގެނެސްދިނުމަށް ގޮވާލައިފިއެވެ.
އިޒްރޭލުގެ ހާރެޓްޒް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގައި ހަނގުރާމަކުރަމުންދާ އިޒްރޭލުގެ އެތައް ސަތޭކަ ސިފައިންގެ އާއިލާތަކުން އަންގާރަ ދުވަހު ވަނީ ހަތިޔާރު ތިރިކޮށް ވަގުތުން އެނބުރި ގައުމަށް ދިއުމަށް އެމީހުންގެ ދަރިންނަށް ވެސް ގޮވާލައިފައެވެ.
ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓާއި އާމީ ޗީފް އޮފް ސްޓާފް ހަރްޒްލް ހަލެވީއަށް އެޑްރެސްކޮށް އެ އާއިލާތަކުން ފޮނުވި އޯޕަން ސިޓީގައި ބުނެފައި ވަނީ ހަނގުރާމަ ކުރާ ކުދިންނަށް މިވަގުތު ހަނގުރާމަ ހުއްޓާލައި ހަތިޔާރު ތިރިކޮށް ވަގުތުން އެނބުރި ގައުމަށް ދާން ޖެހޭނެ ކަން އަންގާ ކަމަށެވެ.
އެ އާއިލާތަކުން ބުނީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް މިހާރު ތާއީދު ނުކުރާ ކަމަށެވެ.
އަދި އަލްޓްރާ އޯތޮޑޮކްސް ފިރިހެނުން (ޔަހޫދީ ދީނީ ހަރުކަށި ފިކުރުގެ ފިރިހެނުން) އަސްކަރިއްޔާގައި ޚިދުމަތް ކުރުން އިސްތިސްނާކުރާ ބިލެއް ފާސްކުރުމަށް ހޯމަ ދުވަހު ނެސެޓް ނިންމި ނިންމުމަށް ވެސް އެމީހުން ވަނީ ފާޑުކިޔާފައެވެ.
އަދި ހިތްވަރުގަދަ ސިފައިން ފުރާނަ ގުރުބާން ކުރަމުން ދަނިކޮށް މިފަދަ ގާނޫނެއް ފާސްވުމަކީ ހީވެސް ނުކުރެވޭ ވަރުގެ ކަމެއް ކަމަށް ވެސް އެ ސިޓީގައި ވެއެވެ.
މި ބިލް ފާސްވީ 120 ގޮނޑި ހިމެނޭ ނެސެޓްގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ. ގާނޫނަކަށް ވުމުގެ ކުރިން ބިލުގެ ދެވަނަ އަދި ތިން ވަނަ ކިޔުން އިއްވުމަށް ތައްޔާރުވުމުގެ ގޮތުން ފޮރިން އެފެއާޒް އެންޑް ޑިފެންސް ކޮމިޓީއަށް މިހާރު އެ ބިލްވަނީ ފޮނުވާފައެވެ.
މި ބިލު ފާސްވެއްޖެނަމަ އަލްޓްރާ އޯތޮޑޮކްސް ޔަހޫދީންނަށް މަޖުބޫރު ޚިދުމަތުގެ އުމުރު 26 އިން 21 އަށް ދަށްވެ، އަސްކަރިއްޔާގައި އެމީހުން ބައިވެރިވާ ރޭޓް ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ޣައްޒާއަށް ދިން ހަމަލާއަށްފަހު އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން އިސްރާއީލަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ.
އޭގެ ފަހުން ޣައްޒާގައި ފަލަސްތީނުގެ ގާތްގަނޑަކަށް 37،200 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި 84،800 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.
އިސްރާއީލު ހަނގުރާމައަށް އަށް މަސް ވީއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ބޭނުންކުރުން ހުއްޓުމަކަށް އައިސްފަ އެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ޖަރީމާގެ ތުހުމަތު ކުރެވޭއިރު، އެންމެ ފަހުން ނެރުނު ހުކުމުގައި ވަނީ މެއި މަހުގެ ހަވަނަ ދުވަހު ފަލަސްތީނުގެ އެތައް މިލިއަން ބަޔަކު ހަނގުރާމައިން ހިމާޔަތް ހޯދާފައިވާ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުގައި ތެލްއަވީވް އިން ހިންގާ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފައެވެ.

މި ލިއުމާއި ގުޅޭ