އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ދަރިކަލުން ހަންޓާ ބައިޑެންގެ މައްޗަށް އުފުލާފައިވާ ތިން ދައުވާވެސް ސާބިތުވެއްޖެއެވެ.
ހަންޓާ ބައިޑެންގެ މައްޗަށް ދައުވާ ކޮށްފައިވަނީ، މަސްތުވާތަކެތި ނަހަމަ ގޮތުގައި ބޭނުންކުރާ މީހަކަށް ވެހުރެ، ގަވާއިދާ ޚިލާފަށް ބަޑިއެއް ގަތުމުގެ މައްސަލައިގައެވެ.
އެ މައްސަލަ ފެންމަތިވެފައި ވަނީ ބައިޑެން 2021ގައި ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނެވެ. ނަމަވެސް މިއީ، އެމެރިކާގެ ރައީސަކު ވެރިކަމުގައި ހުންނަވަނިކޮށް އާއިލާގެ މެންބަރެއްގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
އެ މައްސަލައިގައި ހަންޓާ ބައިޑެންގެ މައްޗަށް ގިނަވެގެން 25 އަހަރުގެ ޖަލު ހުކުމަކާއި 750،000 ޑޮލަރުގެ ޖޫރިމަނާއެއް ކުރެވިދާނެއެވެ. ނަމަވެސް މިއީ އޭނާގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުން އޭނާގެ ހުކުމް ލުއިވާނެ ކަމަށް އެމެރިކާގެ މީޑިއާތަކުގައިވެއެވެ.
އެފަދަ ޝަރީއަތްތަކުގައި އާންމު ގޮތެއްގައި ހުކުމް އިއްވަނީ ދައުވާ ސާބިތުވާތާ 120 ދުވަސް ތެރޭގައެވެ. އެހެންވެ، އަންނަ ނޮވެމްބަރު މަހުގެ ފަހެއްގައި އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ހަންޓާގެ މައްޗަށް ހުކުމް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.
ހަންޓާގެ މައްޗަށް ސާބިތުވެފައިވާ މިދައުވާތަކުގެ ސަބަބުން ބައިޑެންއަށް އޭނާގެ ރިޔާސީ އިންތިޚާބުގައި ވޯޓްތަކެއް ގެއްލުމަކީ އެކަށީގެންވާ ކަމެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.