Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެކްސިޑެންޓު

މަލާވީގެ ނައިބު ރައީސް ދަތުރުކުރެއްވި މަތިންދާބޯޓް ވެއްޓި އަނބިކަނބަލުންނާއި އެކު އިތުރު ނުވަ މީހަކު މަރުވެއްޖެ

މަލާވީގެ ނައިބު ރައީސް ޑރ.ސައުލޯސް ޗިލީމާ ދަތުރުކުރެއްވި މަތިންދާބޯޓް ވެއްޓި އަނބިކަނބަލުންނާއި އެކު އިތުރު ނުވަ މީހަކު މަރުވެއްޖެއެވެ.
މިބޯޓް ވެއްޓިފައިވަނީ ޗިކަންގަވާ ފަރުބަދައަށް ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ. މިކަމުގެ ހިތާމައިގައި އަންގާރަ ދުވަހަކީ ޤައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ރައީސް ލަޒަރަސް ޗަކްވޭރާ ވަނީ ކަނޑައަޅުއްވައިފައެވެ.

"މި އެކްސިޑެންޓުގައި ބޯޓުގައި ތިބި އެންމެން ވެސް ވަނީ މަރުވެފައި،" ރައީސް އޮފީހާއި ވަޒީރުންގެ މަޖިލީހުގެ އިދާރާއިން އަންގާރަ ދުވަހުގެ ހެނދުނު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މަލާވީގެ އުތުރުގެ ފަރުބަދަތަކުގެ ޖަންގަލީގެ ސަރަހައްދެއްގައި އެ ބޯޓް ހޯދުމަށް އެއް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ކުރި މަސައްކަތަށް ފަހު ބޯޓްގެ ބައިތައް ވަނީ ފެނިފައެވެ.
އަސްކަރީ މަތިންދާބޯޓު ވެއްޓުނީ އެގައުމުގެ ވެރިރަށް ލިލޮންގްވޭއިން ފުރި ފަހުން ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ޗިލީމާ، 51، އާއި އެހެން ފަސިންޖަރުން އެގައުމުގެ ކުރީގެ ބަންޑާރަ ނައިބުގެ ޖަނާޒާގައި ބައިވެރިވުމަށް ދަތުރުކުރަމުން ދަނިކޮށް އެ މީހުންގެ މަތިންދާބޯޓު ރާޑަރުން ގެއްލުނެވެ. އެއާ ޓްރެފިކް އޮފިޝަލުން ވިދާޅުވީ މަތިންދާބޯޓުގެ ވިޒިބިލިޓީ ދަށްވުމުގެ ސަބަބުން ވެރިރަށުގެ އުތުރުން ގާތްގަނޑަކަށް 200 މޭލު ދުރުގައި އޮންނަ އެމްޒޫޒޫ އެއާޕޯޓަށް ބޯޓު ޖެއްސޭ ގޮތް ނުވި ކަމަށާއި ފްލައިޓް ގެއްލުނު އިރު ޕައިލެޓަށް އެނބުރި ލިލޮންގްވޭ އަށް ދިއުމަށް ލަފާ ދީފައިވާ ކަމަށެވެ.
އަންގާރަ ދުވަހު ގައުމާ މުހާތަބު ކުރައްވަމުން ޗަކްވޭރާ ވިދާޅުވީ ޗިލީމާ އާއި އޭނާގެ އަނބިކަނބަލުންނާއި ހަތް އަސްކަރީ އޮފިސަރުންނާއި އިތުރު ފަސިންޖަރަކު ތިބީ ކުޑަ އަސްކަރީ މަތިންދާބޯޓެއްގައި ކަމަށާއި އެއީ 1988 ވަނަ އަހަރު މަލާވީގެ އަސްކަރިއްޔާއަށް ޑެލިވަރީ ކުރި ޑޯނިއާ 228 ގެ ޓްވިން ޕްރޮޕެލާ މަތިންދާ ބޯޓެއް ކަމަށެވެ.
އުމުރުން 51 އަހަރުގެ ޗިލީމާ އަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ބޭފުޅެއްގެ ގޮތުގައި މީޑިއާ ރިޕޯޓްތަކުންވަނީ ފާހަގަކޮށްފައެވެ.
ސަރުކާރުގެ ކޮންޓްރެކްޓްތަކަށް ވިޔަފާރިވެރިއެއްގެ އަތުން ރިޝްވަތު ލިބުނު ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، 2022 ވަނަ އަހަރު އޭނާ ހައްޔަރުކުރީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައެވެ.
ޗިލީމާ ވަނީ މިދިޔަ މަހުގެ ނިޔަލަށް އެ ދައުވާތައް ބާތިލުކޮށް، މައްސަލަ ހުއްޓާލުމަށް ނޯޓިސް ހުށަހަޅައިފައެވެ.
ހޯމަ ދުވަހުގެ ރޭ ޓީވީ މެދުވެރިކޮށް ދެއްވި ގައުމީ ތަގުރީރުގައި ޗަވޭރާ ވަނީ ޗިލީމާގެ މަތިންދާބޯޓު ފެނުމާ ހަމައަށް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑަށް އެނގޭ މިއީ ހިތް ހަލާކުވާ ފަދަ ހާލަތެއްކަން،" އެންމެން ވެސް ތިބީ ބިރުން ކަންބޮޑުވެފައެވެ.
މި ސާޗް އޮޕަރޭޝަންގައި އެމެރިކާ ފަދަ ގިނަ ގައުމުތަކަކުން ވަނީ ޓެކްނޮލޮޖީގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ލިލޮންގްވޭގައި ހުންނަ އެމެރިކާ އެމްބަސީން އަންގާރަ ދުވަހުގެ ހެނދުނު ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނީ ބޯޓު ވެއްޓުނު ޚަބަރާ މެދު ކަންބޮޑުވާ ކަމަށާއި ޑިފެންސް ސީ-12 މަރުކާގެ މަތިންދާ ބޯޓެއް ހިމެނޭ ގޮތަށް ލިބެން ހުރި ހުރިހާ އެހީތެރިކަމެއް ދިނުމަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ލިއުމާއި ގުޅޭ