Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ސަލާމަތީ މަޖިލީހުން ރުހުންދީފި

ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓައިލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ރުހުންދީފިއެވެ.

ސަލާމަތީ މަޖިލީހުން ވަނީ ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ވެސް އެ ހުށަހެޅުން ގަބޫލުކުރުމަށް އެދިފައެވެ.

ހަމާސް އިން ވަނީ އެމެރިކާގެ ހުށަހެޅުމަށް ސަލާމަތީ މަޖިލީހުން ތާއީދުކުރުމުން އެކަމަށް މަރުހަބާ ކިޔައިފައެވެ. އަދި ހުށަހެޅުމުގައިވާ އުސޫލުތައް އެކުލަވައިލުމުގައި އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ޖަމާޢަތުން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އިސްލާމިކް ޖިހާދުން ބުނީ އެ ހުށަހެޅުމުގައި ހިމެނޭ ކަންކަން ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށާއި ހާއްސަކޮށް ހަނގުރާމަ ހުއްޓައިލައި ޣައްޒާއިން އިސްރާއީލު ސިފައިން ފައިބާނެކަމަށް އޮތް މާއްދާ އަކީ އެއްބަސްވެވޭނެ މާއްދާއެއް ކަމަށް ވެސް އެ ޖަމާއަތުން ބުނެއެވެ.

އެމެރިކާގެ އެ ހުށަހެޅުމަށް ރަޝިއާއިން ނޫނީ އެހެން ހުރިހާ ގައުމުތަކުން ވޯޓްދީފައިވާއިރު، ރަޝިއާ ވޯޓްގައި ބައިވެރިވެފައެއް ނުވެއެވެ.

ތިން މަރުހަލާއެއް ހިމެނޭ އެމެރިކާގެ އެ ހުށަހެޅުމުގެ ފުރަތަމަ މަރުހަލާގައި ހަ ހަފުތާއަށް ހަނގުރާމަ މެދުކަނޑައިލާ ޣައްޒާގެ ހުރިހާ ސަރަހައްދަކުން އިސްރާއީލު ސިފައިން ފައިބަންޖެހެއެވެ.

އެ މުއްދަތުގެ ތެރޭގައި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ ބައެއް އިޒްރޭލު އަސީރުން މިނިވަން ކުރަން ޖެހެއެވެ. އަދި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުންވެސް އެ މުއްދަތުގައި ކުރިއަށްދާނެ ކަމަށް އެ ހުށަހެޅުމުގައިވެއެވެ.

ދެވަނަ މަރުހަލާގައި ޣައްޒާގައި ދިރިތިބި ހުރިހާ ރަހީނުން ދޫކޮށްލުމާއި، އިސްރާއީލުގެ ސިފައިން އެ ސަރަހައްދުން ފޭބުމާއި، ދާއިމީކޮށް ހަނގުރާމަ ހުއްޓައިލުން ހިމެނެއެވެ.

ތިންވަނަ މަރުހަލާގައި ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފަށާން ޖެހެއެވެ. އަދި ހަމާސްއިން މަރައިލައިފައިވާ ހުރިހާ އެންމެންގެ ހަށިގަނޑުތައް އާއިލާތަކާ ހަވާލުކުރާން ޖެހެއެވެ.

މި ހުށަހެޅުމަށް ސަލާމަތީ މަޖިލީހުން ތާއީދުކޮށްފައިވާތީ އިޒްރޭލުންވެސް ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ. އެހެންނަމަވެސް އިޒްރޭލުން ހަމަލާތައް ހުއްޓައިލުމާމެދު އަދި ވަކިގޮތެއްް އެގައުމުން ނުނިންމައެވެ.

މި ލިއުމާއި ގުޅޭ