Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ދަތުރު ވަރަށް ކާމިޔާބު، ރައްޔިތުންނަށް ފައިދާވާގޮތަށް ކަންކަން ފަހިވާނެ: ރައީސް

އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށާއި، ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭގޮތަށް ދެޤައުމުގެ ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން "ޕީއެސްއެމް ނިއުސް"އަށް ދެއްވި އިންޓަވިއުއެއްގައެވެ.
އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ނަރެންދުރަ މޯދީ އެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ވަޑައިގަތީ ބޮޑުވަޒީރު މޯދީގެ ހާއްސަ ދައުވަތަކަށެވެ.
ރައީސް ވިދާޅުވީ އިންޑިއާއަށް ކުރެއްވި އެ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަމަށާއި މިއީ ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ރަނގަޅު ދަތުރުފުޅެއްކަމަށެވެ.
އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ، ރައީސާ ދުރޫޕަދީ މުރްމޫއާއި، އެކްސްޓަރަނަލް އެފެއަރޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާވެސް ބައްދަލުކުރައްވާފައެވެ. ރައީސް ވިދާޅުވީ އެ ބައްދަލުކުރެއްވުންތަކުގެ ސަބަބުން ކުރިއަށްވުރެވެސް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީންކުރައްވާކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ރާއްޖެއަށް ފަހިވެގެންދާނެކަމަށެވެ. އެގޮތުން ދިވެހި ގައުމާއި، ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެގޮތަށް ދެގައުމުގެ ގުޅުން ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.
"ރާއްޖެއަށް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް. ކުރިއަށް އޮތްތާނގައި ދެގައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެކަމަށް އުންމީދުކުރަން. ރާއްޖެއަށް އެންމެ ރަނގަޅުގޮތް، ދިވެހި ރައްޔިތުންނަށް ހެވާ ލާބަ ލިބޭގޮތަށް އަޅުގަނޑުމެން ދެޤައުމުގެ އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އިންޑިއާއަށް ކުރެއްވި ދެދުވަހުގެ މި ދަތުރުފުޅަކީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެން އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
މި ލިއުމާއި ގުޅޭ