ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ނަޝީދު, ރައީސް ޑރ.މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް މަރުހަބާ ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ނަޝީދުގެ ޕޯސްޓުގައި ވަނީ ދެ ގައުމުގެ ކުރިމަގަށް އެންމެ ރަނގަޅު ގޮތް ވާން އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.
އިންޑިއާއާއެކު އަބަދުވެސް ގާތް ގުޅުމެއް ބާއްވަން މަސައްކަތްޕުޅު ކުރައްވާ ނަޝީދު މިހެން ވިދާޅުވިއިރު, އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެ ގައުމުގެ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒު މިހާރު ހުންނެވީ އިންޑިއާގައެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ޑރ.މުޢިއްޒު ވަނީ
ދެ ގައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިޔަށްދަނީ ރަނގަޅު މިސްރާބަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭކަމުގައި ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.