ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީ ބިލްޑަރުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އަޒްނީން ރަޝާދު ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ރަން މެޑަލް ވިދިވިދިގެން 3 ފަހަރު ކާމިޔާބުކޮށް ރިކޯޑެއް ހަދައިފިއެވެ.
ރާއްޖޭގައި ކުރިއަށް ދިޔަ 14 ވަނަ ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ރަން މެޑަލް އަޒްނީން ވިދިވިދިގެން 3 ފަހަރު ހޯދުމުން މި ކާމިޔާބީ ވެފައިވަނީ މި ފެންވަރުގެ ބައިނަލްއަގްވާމީ މުބާރާތެއްގެ ރަން މެޑަލް ރާއްޖޭގެ އެތުލީޓަކު ހާސިލްކުރި ފުރަތަމަ ފަހަރަށެވެ.
މި މުބާރާތުގައި އަޒްނީންގެ އިތުރުން ރާއްޖޭގެ 7 އެތުލީޓަކުވެސް ވަނީ ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދާފައެވެ.
ރާއްޖޭގެ ބޮޑީ ބިލްޑިންގުގެ އުހުގައި ގިނަ އަހަރުތަކެއް ވަންދެން ދެމިހުރި އަޒްނީން ދެކުނު އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ވާދަކޮށްފައިވަނީ ފިރިހެނުންގެ 170 ސެންޓްމީޓަރު ސްޕޯޓްސް ފިޒީކް ކެޓަގަރީގައެވެ.
ބައިނަލްއަގްވާމީ ގޮތުން ބޮޑެތި ވަނަތަކެއް ހާސިލްކޮށްފައިވާ އަޒްނީން ވަނީ ރާއްޖޭގެ މުބާރާތްތަކުންވެސް ރަން ވަނަތަކެއް ހާސިލްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އެތުލީޓުގެ މަގާމުވެސް އަޒްނީން ވަނީ ހާސިލްކޮށްފައިވެއެވެ.
ރާއްޖޭގައި ކުރިއަށްދިޔަ މި މުބާރާތް ޝަރަފްވެރި ކޮށްދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.