މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހުރިހާ ހައްޖުވެރިން މިހާރު ތިބީ ސައުދީ އަރަބިއްޔާގައި ކަމަށާއި އެންމެންގެ ހާލު ރަނގަޅު ކަމުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. އެގޮތުން މި އަހަރު ހައްޖަށް މީހުން ގެންދިޔައީ ހަމައެކަނި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. އަމިއްލަ ކުންފުނިތަކުގެ ހަވާލުގައި އެއްވެސް ހައްޖާޖީއަކު ނުގެންދެއެވެ.
ދިވެހި ހައްޖާޖީން މިފަހަރު ސައުދީއަށް ގެންދިޔައީ 3 ފުލައިޓެއްގައެވެ. އެގޮތުން ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ގުރޫޕުގައި 298 ހައްޖުވެރިން ހިމެނެއެވެ.
ދެވަނަ ގުރޫޕު ފުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ. އެ ގުރޫޕުގައި 330 ހައްޖުވެރިން ހިމެނެއެވެ.
ތިންވަނަ ގުރޫޕު ފުރީ އިއްޔެގައެވެ. އެ ގުރޫޕުގައި ހިމެނެނީ 316 ހައްޖުވެރިންނެވެ.
ހައްޖު ކޯޓާގެ ތެރެއިން 50 ޖާގަ ސަރުކާރުން ވަނީ ނިކަމެތި ފަގީރުންނަށް ޚާއްސަކޮށްފައެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އިއްޔެ ފުރި ހައްޖުވެރިން މިއަދު މިހާރު ތިބީ ސައުދީގައި ކަމަށާއި އެގޮތުން މި އަހަރު ސައުދީން ދިން 1،000 ކޯޓާގައި ހައްޖަށް ދާ ހުރިހާ ހައްޖުވެރިން އެ ގައުމަށް ގެންދެވިފައިވާ ކަމަށެވެ.
އަދި އެއްވެސް މައްސަލައެއް ދިމާނުވެ މި އޮޕަރޭޝަން ކާމިޔާބުކަމާ އެކުގައި ނިންމާލެވުނުކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ވަނީ މިކަމުގައި އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި ހައްޖުގެ އެހީތެރިން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރުއަދާކޮށްފައެވެ.