Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚާރިޖީ ވުޒާރާ

ލަންކާއިން ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދެނީ

ލަންކާއިން ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭނެ ކަމުގެ ޔަގީންކަން އެގައުމުގެ މިނިސްޓަރ އޮފް ޕަބްލިކް ސެކިއުރިޓީ، ޓިރަން އެލެސް ދެއްވައިފިއެވެ.

ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު މިފަދައިން ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ލަންކާގައި އޮން އެރައިވަލް ވިސާ ދިނުމުގެ އުސޫލަށް ދާދިފަހުން ގެނައި ބަދަލާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެފައިވާ ދަތިތައް ހިއްސާ ކުރައްވައި އެކަމަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށް މިނިސްޓަރ ޒަމީރު އެދިވަޑައިގަނެފައިވެއެވެ.

މިނިސްޓަރު ޒަމީރު މިފަދައިން އެދިލެއްވުމުން ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ވިދާޅުވީ ވެފައިވާ އެއްބަސްވުމާ އެއްގޮށް އިތުރު ތަކުލީފަކާ ނުލައި، ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ މަގު ފަހިކޮށް ދެއްވައި، އެކަން ލިޔުމުން ޔަގީން ކަން ދެއްވާފައިވެއެވެ.

އޭގެ އިތުރުން ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ވަނީ އެ ގައުމުގައި ތަޢުލީމު ޙާސިލްކުރަމުންދާ ދިވެހި ދަރިވަރުން ކޮންމެ އަހަރަކު ދައްކަންޖެހޭ ވިސާ ފީ އަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ވަނީ މިނިސްޓަރު ޒަމީރު ހިއްސާކުރެއްވި ކަންބޮޑުވުންތަކާއި އެގައުމަށް ދާ އަދި އެގައުމުގައި ދިރިއުޅޭ ދިވެހިންގެ އިތުރުން އެގައުމުގައި ތައުލީމު ހާސިލު ކުރަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވައި އެކަން ލިޔުމުން ހިއްސާކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

މިނިސްޓަރު ޒަމީރު ލަންކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު އަލީ ސަބްރީ އާއި ވެސް ބައްދަލު ކުރައްވާފައިވެއެވެ. އޭގެ އިތުރުން އެ ގައުމުގައި އުޅޭ ދިވެހިންނާއި ވެސް ބައްދަލު ކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ