ފާއިތުވި މޭއި މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ, މިދިޔަ އަހަރު އެ މުއްދަތާ އަޅާ ބަލާއިރު އިތުރުވެއްޖެއެވެ.
މޭއި 30 ގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 14.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ފާއިތުވި އަހަރު އެ މުއްދަތުގައި ލިބިފައިވަނީ 14.1 ބިލިއަން ރުފިޔާއެވެ. ޖުމްލަ އާމްދަނީއިން 12 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު ހިލޭ އެހީގެ ގޮތުގައި 155 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މި މުއްދަތުގައި ދައުލަތުން ޖުމްލަ ހަރަދުކޮށްފައިވަނީ 17.3 ބިލިއަން ރުފިޔާއެވެ. ފާއިތުވިއަހަރުގެ މި މުއްދަތުގައި 19.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެހެން ކަމުން މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ހަރަދުތައް ވަނީ 1.8 ބިލިއަން ރުފިޔާ ދަށަށްގޮސްފައެވެ.
ހަރަދު ކުޑަވެ, އާމްދަނީ އިތުރުވެފައިވާތީ މިއަހަރުގެ ފުރަތަމަ 5 މަސް ދުވަހުގެ ބަޖެޓު ދަރަނި ވަނީ މިދިޔައަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިގޮތުން މި އަހަރުގެ ބަޖެޓު ދަރަނި 2.4 ބިލިއަނުގައި ހުރިއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަޖެޓު ދަރަނި ހުރީ 5 ބިލިއަނުގައެވެ.
ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ގިނަގުނަަ ފިޔަވަޅުތައް އަޅުއްވަމުންދާއިރު, 2026 ވަނަ އަހަރު އަރަނި ބަޖެޓެއް ހުށަހެޅުމަކީ ސަރުކާރުގެ އަމާޒެކެވެ.