ފުޓްބޯޅަ ކެރިއަރުގައި ރެއާލް މެޑްރިޑަށް ބަދަލުވާން ހުވަފެން ދެކެމުން އައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ރަސްމީކޮށް ރެއާލް މެޑްރިޑާ ގުޅިއްޖެ އެވެ.
އެމްބާޕޭ، 25، ރެއާލްއާ ގުޅުނީ ޕީއެސްޖީ އިން ފްރީ ޓްރާންސްފާއެއްގަ އެވެ. ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން ޖޫން 30 ވަނަ ދުވަހު ހަމަވުމުން އެމްބާޕޭ ރެއާލްގެ ޓީމާ ގުޅޭނީ ޖުލައި އެއް ވަނަ ދުވަހު އެވެ.
ރެއާލުން އެމްބާޕޭ އަށް ސީޒަނަކު 16 މިލިއަން ޑޮލަރު ދޭނެ އެވެ. އޭގެ އިތުރުން ސައިނިން ބޯނަސްގެ ގޮތުގައި 163 މިލިއަން ޑޮލަރު ދޭނެ އެވެ.
"އަހަރެންނަށް މި ލިބުނު އުފާވެރިކަން އެއްވެސް މީހަކަށް އިހުސާސެއް ނުކުރެވޭނެ. މިއީ ހުވަފެނެއް ހަގީގަތަކަށްވުން. އެންމެ ބޭނުންވި ކްލަބާ ގުޅުމަކީ އަހަރެންނަށް ލިބުނު ފަހުރެއް" ރެއާލަށް ބަދަލުވުމަށް ފަހު އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ ރެއާލްއާ ގުޅެން އަނގަބަހުން އެއްބަސްވީ މިދިޔަ ފެބްރުވަރީ މަހު އެވެ. ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އިން އެމްބާޕޭ ދޫކޮށްލަން ޖެހުނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އާ ނުކުރުމުންނެވެ. އެމްބާޕޭ ކްލަބުގައި މަޑުކުރުވަން ޕީއެސްޖީ އިން ގިނަ މަސައްކަތްތަކެއްކުރި އެވެ.
އެމްބާޕޭ ވަނީ 2017 އިން ފެށިގެން މިދިޔަ ސީޒަނުގެ ނިޔަލަށް ޕީއެސްޖީ އަށް 256 ގޯލު ޖަހައިފަ އެވެ. އެމްބާޕޭ އަކީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.
ކްލަބް ލެވެލްގައި އެމްބާޕޭ ހަތް ފަހަރު ލީގު ޗެމްޕިއަންކަން ހޯދި އެވެ. އެއީ މޮނާކޯގައި ހޯދި އެއް ލީގު ތައްޓާއި ޕީއެސްޖީގައި ހޯދި ހަ ލީގު ތައްޓެވެ. އޭގެ އިތުރުން އެމްބާޕޭ ވަނީ ޕީއެސްޖީއާ އެކު ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދައިފަ އެވެ.
އެމްބާޕޭގެ އެންމެ ބޮޑު ކާމިޔާބީއަކީ 2018 ވަނަ އަހަރު ފްރާންސާ އެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. އަދި، 2022 ގެ ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.
ރެއާލްއާ އެމްބާޕޭ ގުޅުމުން އެޓީމު ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފަ އެވެ. މިހާރުވެސް އެޓީމުގައި ދުނިޔޭގެ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އެމްބާޕޭއާ އެކު ރެއާލް އަކީ ހުއްޓުވަން އުނދަގޫ ވާނެ ޓީމެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ.