ސައިބަރ ކްރައިމުން ރައްކާތެރިވުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ރާއްޖޭގައި އާންމުވެފައިވާ އިންޓަނެޓް މެދުވެރިކޮށް ހިންގަމުންދާ ޖަރީމާތަކުން ހެދިބޮޑުވަމުން އަންނަ ޖީލު ރައްކާތެރިކުރުމަށްޓަކައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފިއެވެ. އިއްޔެ ފަށައިގެން ކުރިއަށްދާ މި ޕްރޮގްރާމް ހާއްސަކުރެވިފައިވަނީ އދ. އަތޮޅުގެ ރަށްތަކަށެވެ.
އދ. އަތޮޅު ފުލުހުންނާއި ސައިބަރ ސެންޓަރު ގުޅިގެން، ޖޫން 2 އިން 7 އަށް އދ. އަތޮޅުގެ 6 ރަށެއްގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ސަބަބުން ކުށްމަދު އަމާން އަދި ހޭލުންތެރި ބަޔަކު އުފެއްދުމަށް މަސައްކަތްކުރާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މައުލޫމާތުދިން ގޮތުން، މި ޕްރޮގްރާމުގައި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތުދޭނެއެވެ. އަދި މީގެ އިތުރުން، ގަނާކުރުމުގެ ސަބަބުން އެކަމުގެ އަސަރު ކުރާ ފަރާތްތަކަށް ލިބޭނެ ގެއްލުންތައްވެސް ކިޔައިދޭނެކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ހަމައެފަދައިން، އެފަދަ ޖަރީމާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައްވެސް ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔައިދޭނެކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، ގަނާކުރުމުގެ އިތުރުން، މިހާރު ރާއްޖޭގައި އާންމުވެފައިވާ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އަންނަ ފޯނު ކޯލުތަކުން ރައްކާތެރިވުމަަށާއި އެކަންކަމުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި، އެފަދަ ޖަރީމާތައް ހިންގާ ފަރާތްތަކުން ބޭނުންކުރަމުންދާ އުކުޅުތަކާއި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތްތައް ހިއްސާކޮށްފައިވާނެކަމަށް ފުލުހުން ބުނެފައިވެއެވެ.