ޖަރުމަނުގައި މި މަހު 15 ވަނަ ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން ކިލިއަން އެމްބާޕޭ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުމުގެ މަސައްކަތް އެ ކްލަބުން ފަށައިފި އެވެ.
ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެމްބާޕޭ، 25، ރެއާލް މެޑްރިޑަށް ބަދަލުވާ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.
ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ހަމަވާނީ ޖޫން 30 ވަނަ ދުވަހު އެވެ. ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ ރެއާލަށް ބަދަލުވާން ނިންމީ ޖުލައި އެއް ވަނަ ދުވަހުން ފެށިގެންނެވެ.
ރެއާލުން އަންނަނީ އަންނަ ހަފްތާ އެމްބާޕޭ އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންވެ ޔޫރޯގެ ކުރިން ރެއާލްގެ ސަޕޯޓަރުންނަށް އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި އެމްބާޕޭ ފެނުމުގެ ފުރުސަތު ބޮޑެވެ.
ފްރާންސްގެ ކެޕްޓަން އަދި އެ ގައުމާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އެމްބާޕޭ އަކީ ޕީއެސްޖީގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެމްބާޕޭ ވަނީ ޕީއެސްޖީ އަށް 2017 ވަނަ އަހަރު ބަދަލުވެ އެ ކްލަބަށް 256 ގޯލު ޖަހައިފަ އެވެ.
އެމްބާޕޭ ރެއާލްއާ އެކު އެއްބަސްވީ 2029 ވަނަ އަހަރުގެ ނިޔަލަށެވެ. އެ މުއްދަތުގައި އެމްބާޕޭ އަށް މުސާރައިގެ އިތުރުން ބޯނަސްތައް ވެސް ލިބޭނެ އެވެ.
ރެއާލް އިން އެމްބާޕޭގެ ސޮއި ހޯދިއިރު އެޓީމު ވަނީ މި ހަފްތާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެމްބާޕޭއާ އެކު ރެއާލް އަންނަ ސީޒަނުގައި ފެންނާނީ ވަރަށް ވަރުގަދަކޮށެވެ.