މިސްކިތްތައް ސާފުތާހިރުކޮށް ބެލެހެއްޓޭނީ އެކަކު އަނެކަކަށް ވާގިވެރިވެގެން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިސްކިތްތަކާއި ވެށި ސާފުތާހިރުކޮށް ބެހެއްޓުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ގާއިމްވެފައިވާ މިސްކިތްތައް ސާފުތާހިރުކޮށް ބެލެހެއްޓޭނީ އެތަންތަން ބަލަހައްތަން އެކެއް އަނެކަކަށް ވާގިވެރިވެ، އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން މަސައްކަތްކުރުމުންކަމަށެވެ.
މީގެ އިތުރުން، މިސްކިތްތަކަކީ އިސްލާމް ދީނުގައި އެ ބިނާތަކަކަށް އެހާމެ އަހައްމިއްޔަތާއި ހުރުމަތްތެރިކަން ދެއްވާފައިވާ ތަންތަންކަމަށްވާއިރު ދިވެހީންނަކީ ކާބަފައިންގެ ޒަމާނުންސުރެ މިސްކިތްތައް އިހުތިރާމްކުރާ އެހާމެ ގަދަރުކުރާ ބައެއްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
މިއީ އަޅުގަނޑުމެންގެ ގައުމުގެ ބަހާތައް، އިސްލާމްދީނާއި، އެއްބައިވަންތަކަމާއި މިސްކިތްތައް ބެލެހެއްޓުމާއި އަޅުގަނޑުމެންގެ ގައުމުގެ ސާފްތާހިރުކަމާއި މި ހުރިހާ ކަމެއް މިއީ އަޅުގަނޑުމެން ގުޅިގެން ކުރަންޖެހޭ ކަމެއްވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
އަދި، މިސްކިތްތައް ސާފުތާހިރުކުރުމަކީ އެ އަމަލުގައި ސަވާބާއި ދަރުމަ ހިމެނޭ ކަމެއްކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ، މިސްކިތްތައް ސާފުކަމާއެކު ބެލެހެއްޓެމުންދާ މަންޒަރަކީ އަބަދުވެސް ދެކެން ބޭނުންވާ މަންޒަރުކަމަށެވެ. އަދި، މާލެ ސަރަހައްދުގެ މިސްކިތްތައް ސާފުތާހިރުކުރުމުގެ މަސައްކަތާ ދިވެހިން ހަވާލުވުމުން އެކަމާ އުފާކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ދާދިފަހުން ނިންމާފައިވާ ގޮތުން، މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ މިސްކިތްތައް ބަލަހައްޓާ ސާފުކުރުމުގެ މަސައްކަތް މީގެ ފަހުން ކުރަމުން ގެންދާނީ ދިވެހިންނެވެ.