Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތުރުކީ

ތުރުކީއާއި ލީބިޔާގެ ވެރިން ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ލީބިޔާގެ ބޮޑުވަޒީރު ޢަބްދުލް ޙަމީދު ދަބީބާ އާ ދެބޭފުޅުން ހުކުރު ދުވަހު އަންކާރާގައި ބައްދަލުކުރައްވާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ތުރުކީގެ ވެރިރަށް އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ކޮމްޕްލެކްސްއިން ބޮޑުވަޒީރު ޢަބްދުލް ޙަމީދު ދަބީބާ މަރުޙަބާ ދަންނަވާ ދެ ލީޑަރުން މަޝްވަރާ ކުރެއްވީ "ތުރުކީ-ލީބިޔާ ގެ ގުޅުމާއި، ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ ބެހޭ ގޮތުން" ކަމަށް އެ ޑައިރެކްޓްރޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި އުރުދުޣާން ވިދާޅުވީ ލީބިޔާގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ސައްހަކަން ހިމާޔަތްކޮށް ލީބިޔާގައި އެއްބައިވަންތަކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަޝްވަރާތައް ފެށުމަށް އެއްބާރުލުން ދިނުމަށް އަންކާރާ އިން ތައްޔާރަށް އޮތް ކަމަށެވެ.
ތުރުކީ އާއި ލީބިޔާއާ ދެމެދު އޮންނަ ގުޅުން "ހުރިހާ ދާއިރާއަކުން ވެސް" ބަދަހިވަމުން އަންނަކަން ފާހަގަކުރައްވައި އުރުދުޣާން ވިދާޅުވީ ހަކަތައިގެ އެއްބާރުލުމާ ބެހޭ ގޮތުން ދެ ގައުމުގެ ގުޅުން "އިރުމަތީ މެޑިޓެރޭނިއަން ސަރަހައްދުގައި އެއް މަސްލަހަތު ހިމާޔަތް ކުރުމަށް ޓަކައި ގާތް ގުޅުމެއް ބާއްވަން ޖެހޭ" ކަމަށެވެ.
"ފަލަސްތީނަށް ލީބިޔާއިން ދޭ އެއްބާރުލުމަށް ތައުރީފް ކުރައްވާ ރައީސް އުރުދުޣާން ވިދާޅުވީ، ތުރުކީ ފަދައިން ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި ވެސް އިސްރާއީލާ ދެކޮޅަށް ހިންގާ ޖަރީމާގެ މައްސަލައަށް ލީބިޔާއިން ނުފޫޒު ފޯރުވަން ނިންމި ނިންމުމަށް ތާއީދު ކުރައްވާ ކަމަށެވެ.
ލީބިޔާއާއި ތުރުކީއާ ދެމެދު ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ގާތް ގުޅުމެއް އުފެދިފައިވާއިރު، ތުރުކީވިލާތް ވެފައިވަނީ އދއިން ޤަބޫލުކުރާ ލީބިޔާގެ ގަވަރމަންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ)ގެ އެންމެ އިސް ބައިވެރިއެއްގެ ގޮތުގައެވެ.
2019 ވަނަ އަހަރު ދެ ގައުމުން ވަނީ ގްރީސް ފަދަ މެޑިޓެރޭނިއަން އެހެން ގައުމުތަކުން ވެސް ރުޅިގަދަވެ، ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ލީބިޔާގެ އިރުމަތީގައި ހަރަކާތްތެރިވާ ވާދަވެރި އަސްކަރީ ކޮމާންޑަރު ޚަލީފާ ހަފްތާރުގެ ފައުޖުތަކާ ދެކޮޅަށް ޖީއެންއޭއަށް އެހީތެރިވުމަށް ތުރުކީން ވަނީ އަސްކަރީ އެޑްވައިޒަރުންނާއި ސިފައިން ފޯރުކޮށްދީފައެވެ. މި އިންޓަވެންޝަންގެ ސަބަބުން ލީބިޔާގެ ދާޚިލީ ހަނގުރާމައިގެ ރާޅު ޓްރިޕޮލީގެ ސަރުކާރާ އެއްކޮޅަށް އަނބުރާލެވުނެވެ.

ނަމަވެސް ލީބިޔާގައި ތުރުކީގެ ނުފޫޒު އިތުރުވަމުންދާތީ، އެ ގައުމުގެ ސްޓްރެޓެޖިކް މަގްސަދުތަކާއި ސަރަހައްދީ ބާރު ތައް ހޯދުމާ މެދު އޮބްޒާވަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

މި ލިއުމާއި ގުޅޭ