Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަހުމަދު އަޒާން

އިންތިޚާބުގައި ދެއްކި ވާހަކަތައް ހަނދާނެއް ނުނެތޭ, އަމަލު ކުރަމުންދާނީ އެ ވާހަކަތަކާ އެއްގޮތަށް: އަޒާން

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި ދެއްކެވި ވާހަކަތަކުގެ މަތިން ހަނދާނެއް ނުނެތޭނެ ކަމަށާއި ފުރަތަމަ ހަފުތާއިން ފެށިގެން ވެސް އަމަލު ކުރައްވަމުން ގެންދަވާނީ އެ ކަންކަން ހާސިލުކުރެއްވުމަށް ކަމަށް އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤް މިއަދު ވިދާޅުވެއްޖެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރުކަމުގެ ހުވައި ކުރެއްވުމަށްފަހު, ''ދެން އޮންލައިން'' އަށް ދެއްވި ބަސްދީގަތުމެއްގައި އަޒާން ވިދާޅުވީ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުވެވަޑައިގަތުމުން ވަރަށް އުފާކުރައްވާ ކަމަށާއި ހުވައި ކުރެއްމާއެކު ވެސް އެންމެ ބޮޑަށް އިހުސާސް ކުރެއްވެނީ މީ ރައްޔިތުން ހަވާލުކުރި ބޮޑު ޒިންމާއެއް ކަމަށް ކަމަށެވެ.

''ވަރަށް ގިނަ ވައުދުތައްވެގެން މި ހިސާބަށް މި އާދެވުނީ. ވަރަށް ގިނަ ވާހަކަ ދައްކައި, ވަރަށް ގިނަ ރައްޔިތުންނާ ބައްދަލުކޮށް ވަރަށް ގިނަ ކަންތައްތައް ވެސް ކޮށްދީގެން. އެހެންވީމަ ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަން އިހުސާސް ކުރެވެނީ.'' ''ދިޔަރެސް'' ގެ އެއް ފައުންޑަރ އަޒާން ވިދާޅުވިއެވެ.

''ވަކިވަކި އިންޑިވިޖުއަލް އަދި މުޅި ގައުމަށް ވެސް ވަރަށް ގިނަ ކޮމިޓްމެންޓްތަކާއި ވައުދުތައް އެބަހުރި އެހެންވީމަ ކުރަންޖެހޭ މަސައްކަތުގެ ބޮޑުމިނާ ދޭތެރޭ އެ އިހުސާސް އަސްލު ކުރެވެނީ'' އަޒާން އިތުރަށް ވިދާޅުވިއެވެ.

މީގެއިތުރުން އަޒާން ވިދާޅުވީ މަޖިލިސް ރިފޯމުކުރުމާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ ވާހަކައަކީ އިންތިޚާބުތެރޭގައި ވަރަށް ގިނައިން ދެއްކެވި ވާހަކައެއް ކަމަށާއި އެ ވާހަކަތައް މަތިން ހަނދާނެއް ނުނެތޭ ކަމަށެވެ. އަދި ފުރަތަމަ ހަފުތާއިން ފެށިގެން ވެސް އެ ކަންކަން ހާސިލުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ މެންބަރު އަޒާން ވަނީ ދެއްވައިފައެވެ.

މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރެއްވުމަކީ ހަޔާތުގައި ވެސް ލިބިވަޑައިގެންނެވި އެންމެ ބޮޑު ފަޚުރުކަން ފާހަގަކުރައްވަމުން އަޒާން ވަނީ އޭނާ އިންތިޚާބުކޮށްދެއްވީތީ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
އިންތިޚާބު ތެރޭގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އަޒާން ވަނީ އޭނާ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެއްވީ މަގާމުގެ ލައްޒަތުގެ ބޭނުމުގައި ނޫން ކަމަށާއި ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައިދިނުމަށް ކަމަށާއި، އެކަމުގައި ކުރައްވަންޖެހޭ ކޮންމެ މަސައްކަތެއް ކުރެއްވުމުގައި ދެމިހުންނެވުމަށް ކަމަށް ވިދާޅުވެފައެވެ.
އަދި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ދައުލަތުގެ ވުޒާރާތަކަށް ކޮންމެ ދުވަހަކު ދާންޖެހުނަސް ''އަޅުގަނޑު އެކަން ކުރާނަން'' ކަމަށާއި, ޚުދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަޑައިގަންނަވަން ޖެހިވަޑައިގަތް ނަމަވެސް ''އަޅުގަނޑުގެ އެ ހިތްވަރު ހުންނާނެ'' ކަމަށް އަޒާން ވިދާޅުވެފައިވެއެވެ.

''އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލަނީ ތިޔަ ރައްޔިތުން އެދޭ ތަރައްގީ ހޯދައިދިނުމަށް. ރައީސް ޑރ.މުޢިއްޒުގެ ތަރައްގީގެ ވިޝަން ހަގީގަތަކަށް ހަދައިދިނުމަށް. ސަރުކާރާ ގުޅިގެން އައްޑޫ ރައްޔިތުން އެދޭ ތަރައްގީ ހޯދައިދިނުމަށް،" ދާއިރާގެ ރައްޔިތުންނާ މުޚާތަބު ކުރައްވަމުން އަޒާން ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ