Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ

މަޖިލީހުގައި ތަފާތު ހިޔާލުތަކަށާއި ނަޒަރިއްޔާތަކަށް ފުރުސަތު ލިބި ޖާގަ އޮންނަން ވާނެ: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގައި ތަފާތު ހިޔާލުތަކަށާއި ނަޒަރިއްޔާތަކަށް ފުރުސަތު ލިބި ޖާގަ އޮންނަން ވާނެކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ މަޖިލީހުގެ ރައީސްކަމާ އޭނާ ހަވާލުވެވަޑައިގަންނަވާ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ،
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ވެރިކަން ތަރުތީބު ކުރެވިފައި އޮތް ގޮތުން ދައުލަތުގެ އެއް ބާރުކަމަށާއި އެއީ ގައުމި ބަހުސްތައް ހިނގާނެ އެންމެ އުސް އަދި އެންމެ އިސް މަޖިލިސްކަމަށެވެ.

އޭނާ ވިދާޅުވިތުގައި އެއީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާނެ ރައްޔިތުންގެ މަޖިލިސްކަމަށެވެ.

"އެހެންކަމުން މިތަނުގައި ދެކެވޭ ވާހަކަތާއި ކުރެވޭ ބަހުސްތައް ހިނގާ މަސައްކަތުގައި ތަފާތު ހިޔާލުތަކަށާއި ތަފާތު ވިސްނުންތަކަށާއި ތަފާތު ނަޒަރިއްޔާތަކަށް ފުރުސަތު ލިބެން ވާނެ. އެކަންކަމަށް ޖާގަ އޮންނަން ވާނެ" އަބދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ތެރޭގައި ކަންކަން ހިނގަން ވާނީ މަޖިލީހުގެ ކަރާމާތާއި ގަދަރު ހިފެހެއްޓޭގޮތަށްކަމަށާއި މަޖިލީހުގެ ހަމަތަކާއި ގަވައިދާ ސުލޫކީ މިންގަނޑުތަކުގެ ތެރެއިން މަޖިލީހުގެ މަސައްކަތްތަކާމެދު ރައްޔިތުން ފަހުރުވެރިވާނެގޮތަށްކަމަށެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވީ މިއަދު ހެނދުނު 9:00 ގައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ނެގި ވޯޓުން މަޖިލީހުގެ ރައީސްކަމަށް ހޮވުނީ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމްއެވެ. ނައިބަކަށް ހޮވުނީ ދިއްގަރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްއެވެ.

މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވިއިރު އެ މަޖިލީހަށް އިންތިހާބުވެވަޑައިގަތް 75 މެންބަރުންނަކީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެންބަރުންނެވެ. ރައްޔިތުންގެ މަޖިލީހަށް މިފަހަރު އިންތިހާބުވެފައިވާ މެންބަރުންގެ ތެރެއިން ގިނައީ އަލަށް މަޖިލީހަށް ހޮވިވަޑައިގަތް މެންބަރުންނެވެ.

މި ލިއުމާއި ގުޅޭ