Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލިތުއޭނިއާ

ލިތުއޭނިއާގެ ރައީސް އެގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި

ލިތުއޭނިއާގެ ރައީސް ގިތާނާސް ނައުސެޑާ ބޮޑު ތަފާތަކުން އެގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާ ގުޅިގެން ޔޫރަޕްގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ލިތުއޭނިއާގެ ރައީސް ގިތާނާސް ނައުސެޑާ ވަނީ ފަސް އަހަރުގެ ދެވަނަ ދައުރެއް އާދީއްތަ ދުވަހު ކަށަވަރު ކުރައްވާފައެވެ.
2019 ވަނަ އަހަރުން ފެށިގެން ލިތުއޭނިއާގެ ރައީސްކަމުގައި ހުންނެވި އޮސެޑާ އަށް ގާތްގަނޑަކަށް 75 ޕަސެންޓް ވޯޓު ލިބިވަޑައިގަތީ އެންމެ 24 ޕަސެންޓެއްހާ ތާއީދު ލިބިވަޑައިގެންނެވި ބޮޑުވަޒީރު އިންގްރިޑާ ސިމޮނައިޓް ފަސޭހަކަމާއެކު ބަލިކުރައްވައިގެން ކަމަށް އެ ގައުމުގެ ސެންޓްރަލް އިލެކްޓޯރަލް ކޮމިޝަންގެ ނަތީޖާއިން ދައްކައެއެވެ.
ލިތުއޭނިއާގައި ރަޖިސްޓްރީކޮށްފައިވާ 2.4 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ.
މި ކާމިޔާބީއަށްފަހު ދެއްވި ތަގުރީރުގައި، އުމުރުން 59 އަހަރުގެ ނައުސެޑާ ވިދާޅުވީ މި ބޮޑު ނަތީޖާގެ ހަޤީޤީ ސިއްރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގަވައިދާ ހިލާފަށް ހިޖުރަކުރުން އަދި ރަޝިޔާއިން ޔޫކްރެއިންއާ ދެކޮޅަށް ކުރާ ހަނގުރާމަ ފަދަ ގޮންޖެހުންތަކާ ކުރިމަތިލާން އޭނާ ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ ސަބަބުން ލިތުއޭނިއާގެ ރައްޔިތުން އޭނާގެ ފުރަތަމަ ދައުރަށް ތާއީދު ކުރެއްވުން ކަމުގައެވެ.
"ލިތުއޭނިއާގެ ރައްޔިތުން އަޅުގަނޑަށް ކުރި އިތުބާރަކީ އަޅުގަނޑުގެ ފުރަތަމަ ދައުރުގެ ފަސް އަހަރުގެ މަސައްކަތުގެ އަގު ވަޒަން ކުރުން،" ނައުސެޑާ ވިދާޅުވިއެވެ.
މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު ބޭއްވި އިބްތިދާއީ އިންތިހާބުގައި އެއްވެސް ކެނޑިޑޭޓަކަށް ސީދާ އަޣުލަބިއްޔަތެއް ނުލިބުމުން އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އޮސެޑާ އާއި ސިމޮނައިޓް ވަނީ ވާދަކޮށްފައެވެ. ފުރަތަމަ ބުރުގައި 43.9 އިންސައްތަ ވޯޓާއެކު ރައީސް ކުރީގައި ހުންނެވިއިރު، ސިމޮނައިޓް ވަނީ 20.6 އިންސައްތަ ވޯޓާއެކު ފަހަތަށް ޖެހިވަޑައިގެންފައެވެ.
ނޭޓޯ އާއި ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ލިތުއޭނިއާ އަކީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ދިން ފުލް ސްކޭލް ހަމަލާއާ ދެކޮޅަށް ޔޫކްރެއިންގެ ދިފާއުގައި އެންމެ ބޮޑަށް ތާއީދުކުރާ އެއް ގައުމެވެ. ވިލްނިއަސް ވަނީ ކީވްއަށް 500 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވައުދުވެފައެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ މި އެންމެ އުނދަގޫ އަހަރުތަކުގައި ކޮންމެ ދުވަހަކު ވެސް އަދި ރެއަކު ވެސް އަހަރެމެންގެ ގާތުގައި ތިއްބެވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޮސެޑާއަށް ތައުރީފު ކުރައްވައިފައެވެ.
މި ލިއުމާއި ގުޅޭ