Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

ފަނޑިޔާރު ފައިސަލް ޕީޖީއަށް: ފަނޑިޔާރުން ހަވަރަށް ދޭން ލައިސަންސެއް ނޯންނާނެ!

ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ފަނޑިޔާރުން އަމަލުކުރާ ގޮތާއި ނިންމާ ނިންމުންތަކާ ގުޅިގެން ފަނޑިޔާރުން ހަވަރަށް ދިނުމަކީ ޕްރޮސިކިއުޓާ ޖެނަރަލް ނުވަތަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ލިބިގެންވާ ލައިސަންސެއް ނޫން ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ފައިސަލް މިފަދައިން ވިދާޅުވީ މަރުގެ މައްސަލައެއްގައި ދައުވާ ލިބޭ އދ. މާމިގިލީ ޝޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދު މައްސަލައިގައި ސުޕްރީމް ކޯޓުގެ އެންގުމަކަށް ހައި ކޯޓުން އަމަލު ނުކުރި ކަމަށް ބުނެ އެ އޮފީހުން ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ވިސްނަމުންދާ ކަމަށް ޕީޖީން މީޑިއާގައި ބުނުމުންނެވެ.

ސައްމާހުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތު ނުވުމުން، ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރީ އެވެ. އެ މައްސަލާގެ ޝަރީއަތް ހައި ކޯޓުން ނިމެންދެން ސައްމާހު ބަންދުކޮށްދޭން ދައުލަތުން އެދުނު ނަމަވެސް، ހައި ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެއެވެ.

ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މި މަހުގެ ނުވަ ވަނަ ދުވަހު އެ ކޯޓުން ނިންމާފައިވަނީ ސައްމާހު ބަންދު ނުކުރަން ހައި ކޯޓުން ނިންމާފައި ވަނީ ގޯސްކޮށް ކަމަށާއި އެހެންކަމުން، ހަތް ދުވަސް ތެރޭގައި ސައްމާހުގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައަޅާށެވެ. ނަމަވެސް، ހަތް ދުވަސް ވެގެން ސަމާހު ބަންދުން ދޫކޮށްލަން ޖެހުނުއިރު ހައި ކޯޓުން އަޑުއެހުމެއް ނުބާއްވައެވެ.

އިއްޔެ ހައި ކޯޓުގައި ސައްމާހުގެ ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ ފަނޑިޔާރުން ނިންމާ ނިންމުމަކާއި އަމަލު ކުރާ ގޮތަކާ މެދު ހިތްހަމަނުޖެހޭ ކަމަށްވާ ނަމަ، އެ މައްސަލައެއް ޖޭއެސްސީ އަށް ހުށަހެޅުމަކީ ހައްގެއް ކަމަށާއި އެކަމާ ފަރުވާލެއް އަދި އިއުތިރާޒެއް ވެސް ނެތް ކަމަށެވެ.

ނަމަވެސް ފަނޑިޔާރު ފައިސަލް ވިދާޅުވިގޮތުގައި ފަނޑިޔާރުން ހަވަރަށް ދިނުމަކީ ޕީޖީ އޮފީހަށް އޮތް ލައިސަންސެއް ނޫނެވެ.

ޕީޖީގެ ފަރާތުން އެމޭރުމުން މަސައްކަތް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި އަދި ނޫސްތަކުން އެފަދަ ހަބަރު ފެނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

"ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ކޮންމެ ކަމަކަށް ކޯޓުން ވެސް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ. އަޅުގަނޑަށް މައްސަލައެއް ނެތް މިއީ ނަސޭހަތެއް ކަމަށް ބެއްޔަސް ނޫނީ އިންޒާރެއް ކަމަށް ބެއްލެވިޔަސް." ފަނޑިޔާރު ފައިސަލް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ