ހުޅުމާލެގައި ޤާއިމުކުރާ ޕެޓް ކެއާ ފެސިލިޓީ ނިމެންދެން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާއެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަމީލާ ވިދާޅުވީ، ވަގުތީގޮތުން ތަނެއް ހިޔާކޮށްގެން ޕާޓިޝަންތަކެއް ޖަހައިގެން މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ބެޗްބެޗަށް އެތަނަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމަކީ ފާއިތުވީ 6 މަސްދުވަހު ކުރި މަސައްކަތްތައް ހާމަކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި މިނިސްޓަރ ވަނީ ފަރުކޮޅުފުށީގައި އަޅާ ކެޓް ޝެލްޓާއާއިބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
މިނިސްޓަރ ވިދާލުވީ ކެޓް ޝެލްޓާގެ މަސައްކަތް 22 ދުވަހުގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓަރަކާއި ހަވާލުކޮށް މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މަގުމަތިން ނެގޭ ބުޅާތަކަށް ފަރުވާދިނުމަށް މިނިސްޓްރީގައި މިހާރުވެސް 2 ޑޮކްޓަރުން އެބަތިބިކަމަށާއި ބުޅާތަކަށް ދޭންޖެހޭ ފަރުވާ ދިނުމަށްފަހު އެ ބުޅާތައް ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ހުޅުވާލާނެ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.