Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ފްރެންޗް ކަޕް ކާމިޔާބުކޮށް އެމްބާޕޭ ޕީއެސްޖީގެ ކެރިއަރު ނިންމާލައިފި

ޕީއެސްޖީގެ ޖާޒީގައި ކުޅުނު ފަހު މެޗުގައި ކިލިއަން އެމްބާޕޭ ފްރެންޗް ކަޕް ކާމިޔާބުކޮށް އެޓީމާ އެކު ފަހު ސީޒަން ނިންމާލައިފި އެވެ.

ރޭ ފްރެންޗް ކަޕް ފައިނަލުން ޕީއެސްޖީ މޮޅުވީ ލިޔޯންއާ ވާދަކޮށް 2-1 އިންނެވެ.

ޕީއެސްޖީގެ ފުރަތަމަ ގޯލު 22 ވަނަ މިނެޓުގައި ޖެހީ އުސްމާން ޑެމްބެލޭ އެވެ. ދެ ވަނަ ގޯލު 34 ވަނަ މިނެޓުގައި ޖެހީ ފަބިއަން ރުއިޒް އެވެ. ލިޔޯންގެ ހަމައެކަނި ގޯލު 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޭކް އޯބްރިއެން އެވެ.

ލުއިސް އެންރީކޭގެ ކޯޗުކަމުގައި ޕީއެސްޖީ ވަނީ ފްރެންޗް ކަޕްގެ އިތުރުން ލީގު ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ.

ޕީއެސްޖީގައި ކެރިއަރު ނިންމާލުމަށް ފަހު އަންނަ ސީޒަނުން ފެށިގެން އެމްބާޕޭ ފެންނާނެ ކަމަށް ބެލެވެނީ ރެއާލް މެޑްރިޑުންނެވެ. އެމްބާޕޭ އަކީ ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެ ކްލަބަށް ކުޅުނު 308 މެޗުގައި އެމްބާޕޭ 256 ގޯލު ޖެހި އެވެ.

މޮނާކޯ އިން ފުޓްބޯޅަ ކެރިއަރު ފަށައި އެމްބާޕޭ ޕީއެސްޖީއާ ގުޅުނީ 2017 ވަނަ އަހަރު އެވެ.

ޕީއެސްޖީގައި ހޭދަކުރި އަށް ސީޒަނުގެ ތެރެއިން ހަތް ސީޒަނުގައި އެމްބާޕޭ ލީގު ޗެމްޕިއަންކަން ހޯދި އެވެ. އަދި ފްރެންޗް ކަޕް ހަތަރު ފަހަރު އަދި ލީގު ކަޕް ދެ ފަހަރު ހޯދި އެވެ.

އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެކަން ކަށަވަރުވުމުން ލީގުގައި ފަހުން ކުޅުނު މެޗުތަކުގައި ކޯޗު އެންރީކޭ އެމްބާޕޭ ބޭނުންކުރީ މަދުންނެވެ. ލީގު ފަހު ހަތް މެޗުގެ ތެރެއިން އެމްބާޕޭ ފުރަތަމަ އެގާރައިގައި ހިމެނުނީ ދެ މެޗުގަ އެވެ.

މި ލިއުމާއި ގުޅޭ