ހަމަ ހަމަ ކަނޑު މަހުގެ ވިޔަފާރީގެ ބާޒާރެއް ކަށަވަރުކޮށްދިނުމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ގޮވާލައްވައިފިއެވެ،
މިނިސްޓަރު ޝިޔާމް މިފަދައިން ގޮވާލެއްވީ 18 ވަނަ އިންފޯ ފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ފުޅާ ދާއިރާއެއްގައި ބައިނަލްއަގުވާމީ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ވާދަކުރުމަށް ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ.
އެހެންވެ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުން އުފައްދާ މަހުގެ ބާވަތްތަކަށް ބައިނަލްއަގުވާމީ ބާޒާރުން ފުރުސަތު ހޯދުމަށް ހުރި ދަތިތައް ނައްތާލަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެގޮތުން ގަވާއިދާ ޚިލާފަށް ކުރެވޭ މަސްވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ސަވައިލެންސް ހަރުދަނާކޮށް މަސްވެރިކަމުގެ އޮނިގަނޑު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ މިނިސްޓަރު ޝިޔާމް ވަނީ ގަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ ގަވައިދާއި ހިލާފަށް ކުރާ މަސްވެރިކަމުގެ ސަބަބުން މަސްވެރިންނާއި މަސްވެރިކަމަށް ބަރޯސާވާ މުޖްތަމަޢުތަކަށް އޮތް ނުރައްކާ ބޮޑުކަމަށާއި ގަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަމުގެ ސަބަބުން، ރާއްޖެފަދަ ދެމެހެއްޓެނިވި މަސްވެރިކަން ކުރާ ގައުމުތަކުން ކުރާ މަސައްކަތްވެސް ނާކާމިޔާބު ވެގެންދާކަމަށެވެ.