ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ އެވަރެސްޓަށް އެންމެ ގިނައިން އެރުމުގެ ރެކޯޑު ނޭޕާލް މީހަކު ހަދައިފިއެވެ.
ނޭޕާލުގެ އުމުރުން 54 އަހަރުގެ ކަމީ ރިޓާ ޝެރްޕާ ނަމަކަށް ކިޔާ މީހަކު ވަނީ 30 ފަހަރު އެވަރެސްޓް ފަރުބަދައަށް އަރާފަ އެންމެ ގިނައިން އެ ފަރުބަދައަށް އެރި މީހާގެ ރެކޯޑް މުގުރާލާފައެވެ.
ކަމީ ރިޓާ އަކީ އެވަރެސްޓް ފަރުބަދައަށް އަރާ މީހުންނަށް މަގުދައްކައިދޭން މަސައްކަތް ކުރާ ގައިޑެކެވެ. އޭނާ އެވަރެސްޓް ފަރުބަދައަށް އެންމެ ފުރަތަމަ އެރީ 1994 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ކޮންމެ އަހަރަކު އެ ފަރުބަދައަށް އަރާފައެވެ.
އޭނާ އެ ފަރުބަދައަށް އަރާ ގިނަކަމުން ގިނަ ބަޔަކު އޭނާއަށް "އެވަރެސްޓް މޭން" ގެ ނަމުން ގޮވައެވެ.
ދުނިޔޭގެ އެންމެ އުސް 10 ފަރުބަދަ ތަކުގެ ތެރެއިން 8 ފަރުބަދަ ނޭޕާލުގައި ހުރެއެވެ. އޭގެ ތެރޭގައި އެވަރެސްޓް ފަރުބަދަވެސް ހިމެނެއެވެ. މި ފަރުބަދަތަކަށް އެރުމަށް ނޭޕާލަށް ދުނިޔޭގެ އެކި ގައުމުތަކުން މީހުން ޒިޔާރަތް ކުރެއެވެ. އެގޮތުން މިއަހަރު އެކަނިވެސް ނޭޕާލުގެ ސަރުކާރުން ވަނީ ފަރުބަދަތަކަށް އެރުމަށް 900 އަށްވުރެ ގިނަ ހުއްދަ ދޫކޮށްފައެވެ.
ވޭތުވެދިޔަ އަހަރު 600 މީހުންނަށް ވުރެ ގިނަ މީހުން ވަނީ އެވަރެސްޓް ފަރުބަދައަށް އަރާފައެވެ.
މި ސީޒަންގައި ފަރުބަދަތަކަށް އަރާ މީހުން މަރުވާ އަދަދު 5 އަށް އަރާފައިވާއިރު ހަތަރު ވަނައަށް އެންމެ އުސް ފަރުބަދައަށް އަރަން އުޅުނު ރޮމޭނިއާ މީހަކުވެސް ވަނީ މަރުވެފައެވެ.
މި ހަފްތާގެ ކުރީކޮޅު މޮންގޯލިއާގެ ދެ ފަރުބަދައަށް އެރި މީހަކު ގެއްލިފައިވާއިރު، ފަހުން އެވަރެސްޓްގެ މައްޗަށް އަރައި މަރުވެފައި އޮތް މީހަކު ވަނީ ފެނިފައެވެ.
އަދި މީގެއިތުރުން ދުނިޔޭގެ ފަސްވަނައަށް އެންމެ އުސް ފަރުބަދަ މަކަލޫގައި މި ސީޒަނުގައި ފްރާންސްގެ އެކަކާއި ނޭޕާލް މީހަކު ވަނީ މަރުވެފައެވެ
މިދިޔަ އަހަރު ވެސް އެވަރެސްޓްގެ އެންމެ އުހަށް 600 އަށް ވުރެ ގިނަ މީހަުން އަރާފައިވާއިރު 18 މީހަކު ވަނީ މަރުވެފައެވެ.