ބްލެކްމެއިލްކޮށް ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކުރެވުނު ދިވެހި 2 ފިރިހެނެއްގެ ފޯނުން ގިނަ ބައެއްގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ފެނިފައިވާކަން ހާމަވެއްޖެއެވެ.
ބިރުދައްކައި ބްލެކްމެއިލްކޮށްގެން ފޭރުނު މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރެވުނު ދިވެހި 2 ފިރިހެނުންގެ ފޯނުގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ހުރިކަން ހާމަވީ އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ފުލުހުން ކޯޓުގައި ދެއްކި ވާހަކަތަކުންނެވެ.
ފޭރުމުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ 2 ދިވެހިންނަކީ ގ. ޝާރާޒް، އަހުމަދު އަރީބާއި ގ. ބެރުގެ އަލީ އިރުޝާދުއެވެ. ކްރިމިނަލް ކޯޓުންވަނީ މި 2 މީހުންވެސް ޝަރީޢަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލްކޯޓުން ކުރި އަމުރުގައި ހައްޔަރުކުރެވުނު މީހުން އަތުން ފެނުނު ފޯނުގައި ގިނަ އަދަދެއްގެ ބަރަހަނާ ވީޑިއޯއާއި ފޮޓޯ ފެނިފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. މި 2 މީހުންވެސް ހައްޔަރުކުރީ ބްލެކްމެއިލްކޮށްގެން މީހުން ފޭރުުމުގެ މައްސަލައެއްގައިކަމަށްވާތީ މި ފޮޓޯތައް އަދި ވީޑިއޯތަކާއި ފޭރުމާއި ގުޅުމެއްވާކަމަށް ބެލެވުނު ނަމަވެސް ފޮޓޯތަކާއި ވީޑިއޯ ހުރި އަސްލު ސަބަބެއް އަދި ސާފެއްނުވެއެވެ.
މިހާރަކަށް އައިސް އެކިވާހަކަ ދައްކައި ހައްލާލައިގެން އެޕާޓްމަންޓްތަކަށް މީހުން ގެންގޮސް ބިރުދައްކައި, ބަރަހަނާކުރުމަށްފަހު ވީޑިއޯ ކުރުމާއި އަތުގައިހުންނަ ފައިސާއާއި އަގުބޮޑެތި ތަކެތި ފޭރުމުގް މައްސަލަތައް ގިނަވެފައިވާކަން ފުލުހުން ވަނީ ކުރިންވެސް ފާހަގަކޮށްފައެވެ.