"މުޖުތަމައަށް ޚިދުމަތްކުރާނެ މާލީ ނިޒާމެއް އަހަރުމެންނަށް ކޮންމެހެންވެސް ބޭނުންވޭ،" މި ބަސްފުޅަކީ 2015 ވަނަ އަހަރު އެއިރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ވެރިއެއްގެ ގޮތުގައި ހުންނެވި ކްރިސްޓީން ލަގާޑޭ ވިދާޅުވި ބަސްފުޅެކެވެ. އެއީ ކޮމާޝަލް ނުވަތަ ވިޔަފާރީގެ އުސޫލުން ހިންގާ މާލީ މުއައްސަސާތަކުގެ ތެރެއިން ޤައުމުތަކުގެ އިޤުތިޞާދީ އިޖުތިމާއީ ބޭނުންތަކަށް އެކަށޭނެ ގޮތަކަށް ފައިނޭންސް ނުވަތަ ފައިސާ ހަމަޖައްސައިނުދެވުމާއި، އަމިއްލަ މާލީ މުއައްސަސާތަކުގެ މައްޗަށް އެކުލަވައިލެވިފައިވާ މާލީ ނިޒާމުގައި ފައިސާ ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް 2008 ވަނަ އަހަރުގެ މާލީ ކާރިސާއަށް ފަހު ވަރަށް ބޮޑަށް ހާމަވެ ހާސާއަށް ފެންނާން ފެށުމާ ވިދިގެން އޭނާ ވިދާޅުވި ބަސްފުޅެކެވެ.
މިދެންނެވި މައްސަލަތަކަކީ ޤައުމުތަކަށްވެސް ފާހަގަކުރެވިފައިހުރި މައްސަލަތަކެވެ. އެ މައްސަލަތައް ފާހަގަވުމާއެކު، 1940 ގެ ފަހުކޮޅުގައި އަދި 1950ގެ ކުރީ ކޮޅުގައި ދުނިޔޭގެ އެކި ޤައުމުތަކުން އުފެއްދި މާލީ މުއައްސަސާއެއްގެ މަޤުބޫލުކަން ޤައުމުތަކުގެ މެދުގައި ބޮޑުވެގެން ދިޔައެވެ. އެއީ ޑިވެލޮޕްމެންޓު ބޭންކުތައް ނުވަތަ ޑިވެލޮޕްމެންޓު ފައިނޭންސިން އިންސްޓިޓޫތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ޑިވެލޮޕްމެންޓު ބޭންކެއް ޤާއިމުކުރެއްވުމަށް ނިންމެވިއެވެ. މިމަހު އެމަނިކުފާނުގެ ރިޔާސީ ޤަރާރަކުން ޑިވެލޮޕްމެންޓު ބޭންކު އޮފް މޯލްޑިވްސްގެ ނަމުގައި ރާއްޖޭގެ ޑިވެލޮޕްމެންޓު ބޭންކު އުފައްދަވާފައިވެއެވެ. އެ ބޭންކުގެ ޚިދުމަތްތައް ފަށައިގަތުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ކުރިއަށެވެ. ހޯދަންޖެހޭ ހުއްދަތަކާއި ލައިސެންސްތައް ހޯދައި ޖުލައި މަހުގައި ބޭންކުގެ ޚިދުމަތް ފެށޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް ޑިވެލޮޕްމެންޓު ބޭންކުގެ މަފުހޫމާއި އިޤުތިޞާދަށް މިފަދަ ބޭންކަކުން ކުރާނެ އެދެވޭ އަސަރުތައް ދެނެގަތުމަށް، މިފަދަ މާލީ މުއައްސަސާތަކުގެ ދައުރާއި ތާރީޚާއި، މަސައްކަތްކުރާ ގޮތުގެ މައްޗަށް އަލިއަޅުވައިލަންޖެހެއެވެ.
ރައީސް ޑރ.މުޢިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގައި ޑިވެލޮޕްމެންޓު ބޭންކެއް ޤާއިމުކުރެއްވުމުގެ ވާހަކަފުޅު އިއުލާނުކުރެއްވުމުގެ ކުރިން ރާއްޖޭގެ ސިޔާސީ ލީޑަރުން ޑިވެލޮޕްމެންޓު ބޭންކުތަކުގެ ވާހަކަދެއްކެވިކަން، ނުވަތަ މި ވެރިކަމުގެ ކުރިން އެހެން ސަރުކާރަކުން މިފަދަ މާލީ މުއައްސަސާއެއް ޤާއިމުކުރުމަށް މަސައްކަތްކުރިކަން ފެންނަން އެނގެން ނެތެވެ. އެހެންކަމުން ދިވެހިންނަށް ޑިވެލޮޕްމެންޓު ބޭންކުގެ މަފުހޫމަކީ އައު މަފުހޫމަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި ޑިވެލޮޕްމެންޓު ބޭންކުތައް ޤާއިމުކޮށް ހިންގާތާ އެތައް ޒަމާނެއް ވެއްޖެއެވެ.
ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ޤައުމުތަކަށް ލިބުނު ގެއްލުމާއި، ކުރިމަތިވި ކާރިސާތަކަށްފަހު އަނބުރާ ޤައުމުތައް ބިނާކުރުމުގެ މަސައްކަތަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރެވި ބްރެޒިލްގައި 1948 ވަނަ އަހަރު، ޖަރުމަންވިލާތުގައި 1952 ވަނަ އަހަރު ޑިވެލޮޕްމެންޓު ބޭންކުތައް އުފެދުނެވެ. އަދި "ގްރޭޓް ޑިޕްރެޝަން"ގެ ސަބަބުން ކުރިމަތިވި އިޤުތިޞާދީ ތަދުމަޑުކަމުން އަރައިގަތުމަށް "ދި ކޯޕަރޭޝަން ފޯ ޕްރޮމޯޝަން އޮފް ޕްރޮޑަކްޝަން"ގެ ނަމުގައި ޗިލީގައި ޑިވެލޮޕްމެންޓު ބޭންކެއް ޤާއިމުކުރެވުނެވެ. ކޮރެއާ ހަނގުރާމައަށްފަހު ދެކުނު ކޮރެއާގައި ކޮރެއަން ޑިވެލޮޕްމެންޓު ބޭންކު ޤާއިމުކުރެވުނެވެ.
ޑިވެލޮޕްމެންޓު ބޭންކުތަކުގެ ތާރީޚަށް ބަލާއިރު އެންމެ ފުރަތަމަ ޤާއިމުކުރެވުނު ޑިވެލޮޕްމެންޓު ބޭންކުތައް ޤާއިމުކުރެވުނީ އެކި ސަބަބުތަކާހުރެ ސުންނާފަތިވެފައިވާ އިޤުތިޞާދުތައް އަލުން ބިނާކުރުމަށެވެ. ކެނަޑާ ޑިވެލޮޕްމެންޓު ބޭންކު ފިޔަވައެވެ. އެއީ އާބަނައިޒޭޝަންއާއި ކުރިން ތަރައްޤީނުކުރެވި ހުރި ސަރަހއްދުތައް ތަރައްޤީކުރުމުގެ ބޭނުމުގައި ޤާއިމުކުރެވުނު ބޭންކެކެވެ. އެބޭންކު ޤާއިމުކުރީ 1944 ވަނަ އަހަރުއެވެ.
ނަމަވެސް ޒަމާނަށް އައި ބަދަލުތަކާއެކު ޑިވެލޮޕްމެންޓު ބޭންކުތަކުގެ ދައުރަށްވެސް ބަދަލުތައް އައިސްފައިވެއެވެ. މިހާރު ޑިވެލޮޕްމެންޓު ބޭންކުތަކުގެ ދައުރަކީ ހަމައެކަނި ޤައުމުތައް ބިނާކުރުމުގެ މަރުހަލާއަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމެއް ނޫނެވެ. ނަމަވެސް އާންމު މާލީ ނިޒާމުގެ ތެރެއިން ފައިސާ ހޯދުމަށް އުދަގޫވާ، ނަމަވެސް އިޤުތިޞާދީ އަދި އިޖުތިމާއީ ގޮތުން މުހިއްމު މަސައްކަތްތަކަށް، ލުއި ގޮތެއްގައި ފައިސާ ފޯރުކޮށްދިނުމެވެ.
ޑިވެލޮޕްމެންޓު ބޭންކުގެ މާނައެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަނެފައިވާ ވަކި ތައުރީފެއް ނެތް ނަމަވެސް، 2015 ވަނަ އަހަރު ޔޫރަޕިއަން ފަންޑް ފޯ ސްޓްރެޓެޖިކް އިންވެސްޓްމެންޓްސް ޤާއިމުކުރުމަށް އެކުލަވައިލި ޤަވާއިދުގައި ޔޫރަޕިއަން ކޮމިޝަނުން ޑިވެލޮޕްމެންޓު ބޭންކު މާނަކޮށްފައިވަނީ، މާލީ ގޮތުން ދަތި ހާލތެއްގައި އަވަހަށް ލުއި ގޮތަކަށް ފައިސާ ބޭނުންވާ ކަންކަމަށް ފައިސާ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ޤާއިމުކުރާ މުއައްސަސާއެއްގެ ގޮތުގައެވެ.
ވަރަށް ގިނަ މާހިރުން ޑިވެލޮޕްމެންޓު ބޭންކުތަކުގެ ތައުރީފެއްކަމަށް ވިދާޅުވަނީ، "މާލީ އާލާތްތައް [ފައިނޭންޝަލް އިންސްޓްރޫމެންޓްސް} މެދުވެރިކޮށް ސަރުކާރުގެ ފަރާތުން އާންމު މެންޑޭޓެއް ހާސިލުކުރުމަށް މަސައްކަތްކުރާ، ވަކި އަމާޒުތަކެއް ހާސިލުކުރުމަށް ޤާއިމުކޮށްފައިވާ މާލީ މުއައްސަސާއެއް"ކަމަށެވެ.
އިތުރު އެހެން ތައުރީފެއްގައި ބުނެފައިވަނީ އެއީ ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ ނުވަތަ ކޮންމެވެސް މިންވަރެއްގެ ހިއްސަ އޮންނަ ގޮތަށް ޤާއިމުކޮށް، އިޖުތިމާއީ އިޤުތިޞާދީ ކުރިއެރުމަށް ހިންގަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް، ކަނޑައެޅިފައިވާ ވަކި ދާއިރާތަކަކުން ފައިސާ ފޯރުކޮށްދޭ މުއައްސަސާތަކެއް ކަމަށެވެ.
2012 ވަނަ އަހަރު ނެރެފައިވާ ވޯލްޑް ބޭންކުގެ ސާވޭއެއްގައި ޑިވެލޮޕްމެންޓު ބޭންކު މާނަކޮށްފައިވަނީ، މަދުވެގެން 30 އިންސައްތަ ދައުލަތުގެ ހިއްސާ އެކުލެވޭ ގޮތަށް، ވަކި ސަރަހައްދެއްގައި ނުވަތަ ދާއިރާއެއްގައި ނުވަތަ ބާޒާރުގެ ވަކި ސެގްމެންޓެއްގައި، ސަރީހަކޮށް ބަޔާންވެފައިވާ އިޖުތިމާއީ އިޤުތިޞާދީ އަމާޒުތަކެއް ހާސިލުކުރުމަށް، އުފައްދައި ހިންގާ މާލީ މުއައްސަސާއެއް ކަމަށެވެ.
މިހުރިހާ ތައުރީފުތަކަށް ބެލުމުން ޑިވެލޮޕްމެންޓު ބޭންކުތަކުގެ މައިގަނޑު ސިފަތަކެއް ދެނެގަނެވެއެވެ. އެއީ އެ ބޭންކުތަކަކީ ސަރުކާރުގެ އިޤުތިޞާދީ އިޖުތިމާއީ އަމާޒުތައް ހާސިލުކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ހުރި ދަތިތަކުން އަރައިގަތުމަށާއި، އާންމު މާލީ ނިޒާމުގައި އެފަދަ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް އޮންނަ ހުރަސްތައް ގިރާކުރުމަށް އުފައްދާ މާލީ މުއައްސަސާތަކެއް ކަމެވެ.
ޕެކިން ޔުނިވާސިޓީގެ އިންސްޓިޓޫޓް އޮފް ނިއު ސްޓްރަކްޗަރަލް އިކޮނޮމިކްސްއިން 2020 ވަނަ އަހަރު "ފަންޑިން ސޯސަސް އޮފް ނޭޝަނަލް ޑިވެލޮޕްމެންޓް ބޭންކްސް"ގެ ނަމުގައި ޝާއިއުކުރި ކަރުދާހެއްގައި ބަޔާންކުރާ ގޮތުގައި ޑިވެލޮޕްމެންޓު ބޭންކުތަކުން ފައިސާ ހޯދުމަށް އެކި އުސޫލުތައް ބޭނުންކުރެއެވެ.
ޑިވެލޮޕްމެންޓު ބޭންކުތަކަކީ ސަރުކާރުތަކުން ދައުލަތުގެ އިސްތިރާޖީ އަމާޒުތަކެއް ހާސިލުކުރުމުގެ ބޭނުމުގައި އުފައްދާ މާލީ މުއައްސަސާތަކެއް ކަމުގައިވާތީ އެ މުއައްސަސާތައް ޤާއިމުކުރުމަށް ބޭނުންވާ ފައިސާގެ ކޮންމެވެސް މިންވަރެއް އަންނަނީ ސަރުކާރުތަކުން އަދި ދައުލަތުންނެވެ. ސަރުކާރުން ކޮންމެވެސް ފަންޑެއް މެދުވެރިކޮށް ބޭންކަށް ފައިސާ ފޯރުކޮށްދިނުމާއެކު، މަރުކަޒީ ބޭންކުންވެސް އެފަދަ ބޭންކުތަކަށް ބޭނުންވާ ފައިސާގެ ތެރެއިން މިންވަރެއް ފޯރުކޮށްދެއެވެ.
އެހެންނަމަވެސް ސަރުކާރުން ފޯރުކޮށްދޭ ފައިސާއަކީ ޑިވެލޮޕްމެންޓު ބޭންކެއްގެ ބޭނުންތައް ހާސިލުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ފައިސާއަށް ގިނަފަހަރު ނުވާނެއެވެ. ނަތީޖާއަކީ އެތެރެއިންނާއި ބޭރުން އެކި ވަސީލަތްތައް ބޭނުންކޮށްގެން ފައިސާ ހޯދުމަށް އެބޭންކުތަކަށް ލާޒިމުވުމެވެ.
އެފަދަ ބޭންކުތަކުން ފައިސާ ހޯދުމަށް ސަރުކާރުގެ ހިއްސާ ފިޔަވައި ބޭންކުގެ ބާކީ ހުރި ހިއްސާތައް ވިއްކައެވެ. ހިއްސާގެ ބާޒާރުގައި ބޮންޑު ވިއްކުމަކީވެސް ބޭންކަށް ފައިސާ ހޯދުމަށް އެފަދަ ބޭންކުތަކުން ކުރާ ކަމެކެވެ. އަދި ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ލޯނުގެ ގޮތުގައި ފައިސާ ހޯދައި އެ ފައިސާ ބޭންކު މެދުވެރިކޮށް ދޫކުރުމަކީވެސް ބޭންކުގެ ރައުސުލްމާލު އިތުރުކުރާ އެއް ގޮތެވެ.
އަދި ބައެއް ފަހަރު އެފަދަ ބޭންކުތަކަށް އޮފިޝަލް ޑިވެލޮޕްމެންޓް އެސިސްޓެންސް ނުވަތަ ތަރައްޤީގެ ކަންކަމަށް ރަސްމީކޮށް ލިބޭ އެހީގެ ފައިސާވެސް ޖަމާކުރެވެއެވެ. އެގޮތުން ދޭދޭ ޤައުމުތަކުން ލިބޭ ހިލޭއެހީއާއި ލުއި ލޯނުތަކުގެ ފައިސާ އެ ބޭންކުތަކަށް ލިބެއެވެ.
ބްރެޒިލްގެ ޑިވެލޮޕްމެންޓު ބޭންކުގެ އަމާޒެއްކަމަށް ބަޔާންކޮށްފައިވަނީ ދެމެހެއްޓެނެވި ތަރައްޤީއަށް ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދީ ވަޒީފާގެ ފުރުސަތުތައް އުފައްދައި، އިޖުތިމާއީ އަދި ސަރަހައްދީ ތިލަފަތްނަހަމަކަން ކުޑަކުރުން ކަމަށެވެ.
އެ ބޭންކަށް ބާޒާރުގައި ފައިސާ ލިބޭ މިންވަރަށްވުރެ ލުއިކޮށް ފައިސާ ހޯދޭތީ ވިޔަފާރި ބޭންކުތަކުން ދޫކުރާ ލޯނުތަކަށްވުރެ ކުޑަ އިންޓެރެސްޓުގައި ބްރެޒިލްގެ ޑިވެލޮޕްމެންޓު ބޭންކުން ލޯނު ދޫކުރެއެވެ. ކުދި ވިޔަފާރިތަކަށް 4.9 އިންސައްތަ އިންޓަރެސްޓުގައި ލޯނު ދޫކުރާއިރު، އިއާދަކުރަނިވި ހަކަތައާއި ފެހި ހަކަތައިގެ މަޝްރޫޢުތަކަށް 0.9 އިންސައްތައިގެ އިންޓަރެސްޓުގައި އެ ބޭންކުން ލޯނު ދޫކުރެއެވެ.
ތަފާތު ސިނާއަތްތައް ހިމެނޭހެން ބްރެޒިލުގެ ޑިވެލޮޕްމެންޓު ބޭންކުން އަންނަނީ 40 ޕްރޮގުރާމެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމުގެ ތަރައްޤީއާއި، އުޅަނދުފަހަރާއި ކެޕިޓަލް ގުޑްސްގެ ދާއިރާއަށް އަމާޒުކޮށް ހިންގާ ޕްރޮގުރާމުތައް ހިމެނެއެވެ. އެ ބޭންކުން ދޫކޮށްފައިވާ އެތައް ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނުގެ ތެރެއިން 54.9 އިންސައްތަ ލޯނަކީ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ދޫކޮށްފއިވާ ލޯނުތަކެވެ.
ބްރެޒިލުގެ ޑިވެލޮޕްމެންޓު ބޭންކާއި ކޮރެއާގެ ޑިވެލޮޕްމެންޓު ބޭންކު މުޅިން ތަފާތެވެ. ކޮރެއާގެ ޑިވެލޮޕްމެންޓު ބޭންކަކީ އެ ޤައުމުގެ އިޤުތިޞާދުގެ މުހިއްމު ސިނާއަތްތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި އިންވެސްޓުކުރާ އެއް ބޭންކެވެ. ކޮރެއާއަކީ ތަރައްޤީވެފައިވާ އެހެނިހެން ޤައުމުތަކާ އަޅާބަލާއިރު ލަހުން އިންޑަސްޓްރިއަލައިޒްވި ޤައުމެކެވެ.
1961 ވަނަ އަހަރު ދެކުނު ކޮރެއާއިން މައިގަނޑު ގޮތެއްގައި ބޭރުކުރީ ޕްރައިމަރީ ޕްރޮޑަކްޓްސް ނުވަތަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ވަސީލަތްތަކެވެ. ނަމަވެސް ޑިވެލޮޕްމެންޓު ބޭންކު މެދުވެރިކޮށް ކޮރެއާ ސަރުކާރުން ސިނާއަތްތަކަށް ކުރި އިންވެސްޓުމެންޓުގެ ނަތީޖާއަކީ 2008 ވަނަ އަހަރާ ހަމައަށް އައިއިރު ކޮރެއާގެ މައިގަނޑު އެކްސްޕޯޓަކީ މެނިފެކްޗާޑް ގުޑްސް ނުވަތަ ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތަކަށް ވެގެންދިއުމެވެ.
1950ގެ އަހަރުތަކުގައި ޑިވެލޮޕްމެންޓު ބޭންކުން ބޮޑަށް ފައިސާ ފޯރުކޮށްދިނީ ކޮންޒިއުމަރުންނަށް ބޭނުންވާ ތަކެތި އުފެއްދުމުގެ މަސައްކަތްކުރި ސިނާއަތްތަކަށެވެ. 1960 އާއި 1970ގެ ތެރޭގައި ދެކުނު ކޮރެއާގެ އިސްތިރާޖިއްޔާ ބަދަލުވެ ޑިވެލޮޕްމެންޓު ބޭންކުން ފައިސާ ފޯރުކޮށްދޭ ސިނާއަތްތަކަކީ އެކްސްޕޯޓު ދާއިރާގެ މުހިއްމު ސިނާއަތްތައްކަމަށްވިއެވެ.
މިދެންނެވި ހުރިހާ މަރުހަލާއެއްގައި އަދި އޭޝިޔާއަށް 1997 ވަނަ އަހަރު ކުރިމަތިވި މާލީ ކާރިސާގެ ތެރޭގައިވެސް މުހިއްމު ސިނާއަތްތަކަށް އިންވެސްޓުކުރާ މިންވަރު ޤައުމީ އުފެއްދުންތެރިކަމުގެ 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގައި ހިފަހެއްޓިފައި ހުއްޓެވެ.
އިންޑިޔާއާއި ޗައިނާގެ ކުރިއެރުމުގައިވެސް އެ ޤައުމުތަކުގައި ޤާއިމުކުރި ޑިވެލޮޕްމެންޓް ފައިނޭންސް އިންސްޓިޓޫޓްތައް ނުވަތަ ތަރައްޤީއަށް ފައިސާ ފޯރުކޮށްދޭ މާލީ މުއައްސަސާތަކުގެ ދައުރު ބޮޑެވެ. ޤައުމީ އުފެއްދުންތެރިކަމުގައި، ދަނޑުވެރިކަމާއި، ސިނާއީ އުފެއްދުންތެރިކަމާއި، ރަށްފުށުގެ ތަރައްޤީއަށް މި މާލީ އިދާރާތަކުން ދޫކުރި ލޯނުތަކުގެ ހިއްސާ އައީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އިންޑިޔާއަށް ބަލާނަމަ އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްފައިވާ ފައިސާ ނުވަތަ ލޯނުތަކުގެ 70 އިންސައްތައަކީ އެ ޤައުމުގައި ޤާއިމުކުރެވިފައިވާ އެކިކަހަލަ ޑިވެލޮޕްމެންޓް ފައިނޭންސް އިންސްޓިޓޫޝަންތަކުން ދޫކުރި ފައިސާއެވެ. ޗައިނާ ޑިވެލޮޕްމެންޓު ބޭންކަކީ ޗައިނާގެ އުމްރާނީ ތަރައްޤީއަށް އެންމެ ބޮޑު ހިއްސާއެއްކުރި އެއް ބޭންކެވެ.
މަތީގައި ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު ރައީސް ޑރ.މުޢިއްޒު ޤާއިމުކުރެއްވި ޑިވެލޮޕްމެންޓު ބޭންކާމެދު ކުރެވޭ އުންމީދުތައް ގިނައެވެ. ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ޑިވެލޮޕްމެންޓު ބޭންކު ހިންގާނަމަ ސަރުކާރުން ހިންގަން ގަސްތުކުރާ މުހިއްމު ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ އެ ބޭންކު މެދުވެރިކޮށް ފޯރުކޮށްދޭން ފެށޭނެއެވެ. އެއިރުން އިސްތިރާޖީ ގޮތުން މުހިއްމު މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ ފަސޭހައިން ލިބޭނެއެވެ.
މިހާރުވެސް އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންކުރާ އެއް މޮޑެލްއަކީ ކޮންޓްރެކްޓާ ފައިނޭންސިން ނުވަތަ މަސައްކަތްކުރާ ފަރާތުން ފައިސާ ހޯދައިގެން މަސައްކަތްކުރުމުގެ މޮޑެލްއެވެ. މި މޮޑެލްއަށް ހިންގާ މަޝްރޫޢުތައް ހިންގުމަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ ރޭޓުތަކުގައި ފައިސާ ނުލިބުމެވެ. ޑިވެލޮޕްމެންޓު ޤާއިމުކުރެވުމުން އެ މައްސަލަ ހައްލުކުރެވި ލުއި ގޮތަކަށް އެފަދަ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދަން ކޮންޓްރެކްޓަރުންނަށް ފުރުސަތު ފަހިވާނެއެވެ.
ކުރިން ދެންނެވިހެން އެކި ގޮތްގޮތުން ބޭންކަށް ފަންޑް ސޯސްކުރެވޭނަމަ، މިހާރު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ތެރެއިން ރާއްޖެއިން ބޭރަށް ލީކުވާ ފައިސާތައް ރާއްޖޭގެ އިޤުތިޞާދުގެ ތެރޭގައި ހިފަހެއްޓުމުގެ ފުރުސަތު އޮންނާނެއެވެ. އެއީ ދިވެހި ވިޔަފާރިތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަކަށްވާނެއެވެ.
އޭގެ އިތުރަށް ސަރުކާރުން އިތުރަށް ތަރައްޤީކުރަން ބޭނުންވާ ސިނާއަތްތައް ކަނޑައަޅައި އެ ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޭނުންވާ އިންވެސްޓުމެންޓު ފޯރުކޮށްދޭ ޕާޓުނަރެއްގެ ދައުރުވެސް މި ބޭންކަށް އަދާކުރެވޭނެއެވެ. އަމިއްލަ ވިޔަފާރިތަކުން އިންވެސްޓުކުރަން ޖެހިލުންވާ ބައެއް ސިނާއަތްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވާ ފައިސޭހައިން ލުއި ގޮތަކަަށް ލިބޭނެ އިންތިޒާމު ހަމަޖެހުމުގެ ނަތީޖާއަކަށްވާނީ މިފަދަ ސިނާއަތްތަކުން ލިބޭ މަންފާ އިތުރުވުމެވެ. އަދި މުސްތަޤުބަލުގައި އަމިއްލަ އިންވެސްޓަރުންނަށް އެ ސިނާއަތްތަކަށް އިންވެސްޓުކުރުމުގެ ފައިދާ އެނގި އިންވެސްޓުކުރުމުގެ ޝައުޤުވެރިކަން އުފެދުމެވެ.
މިދެންނެވި ކަންކަމަކީ އެހެނިހެން ޤައުމުތަކުގައި ރޭވުންތެރިކަމާއެކު ޑިވެލޮޕްމެންޓު ބޭންކުތައް ބޭނުންކުރުމުން ނުކުތް ނަތީޖާއެވެ. ޑިވެލޮޕްމެންޓު ބޭންކު ޤާއިމުކުރެވުމަކީ އިޤުތިޞާދީ ބޮޑު ބަދަލަކަށް ދަތުރުކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. ރަނގަޅު ފްރޭމްވޯކެއްގެ ތެރެއިން، ހަރުދަނާ އުސޫލުތަކާއި ސިޔާސަތުތަކެއްގެ މައްޗަށް ބޭންކު ބިނާކޮށް ހިންގުމަކީ މި ދަތުރުގައި ކުރިއަށް އަޅާންހުރި ފިޔަވަޅުތަކެވެ. އެފިޔަވަޅުތައް އެޅޭނަމަ، މި އިންޤިލާބު އަންނާނެއެވެ. ހަލުއި ބޮޑެތި ބަދަލުތަކެއް އިޤުތިޞާދަށް އަންނާނެއެވެ.