ރަޝިއާގެ މުދަލުން ލިބޭ އާމްދަނީ ޔޫކްރެއިންއަށް ބޭނުންކުރުމަށް އީޔޫއިން ނިންމި ނިންމުމަކީ ބައިނަލްއަގްވާމީ އުސޫލުތަކާ ހިލާފު ނިންމުމެއް ކަމަށް ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވެއްޖެއެވެ.
މި ހުރިހާ އާމްދަނީއަކީ ވެސް ރަޝިއާއަށް ލިބޭ އާމްދަނީއެއް ކަމަށާއި އެ އާމްދަނީތައް އެހެން ބޭނުންތަކަށް ބަދަލުކުރުމަކީ ބައިނަލްއަގުވާމީ މާލީ ނިޒާމުގެ ހުރިހާ އުސޫލަކާއި މިންގަނޑާ ހިލާފު ކަމެއް ކަމަށް ވެރިރަށް މޮސްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވި އެވެ.
ޕެސްކޯވް ވިދާޅުވީ އީޔޫއިން ނިންމި ނިންމުމަކީ ވަރަށް ފަރުވާކުޑަ ނިންމުމެއް ކަމަށާއި، އެފަދަ ނިންމުމެއް ނިންމީ އެފަދަ ނިންމުންތަކުގެ ނުރައްކަލާއި އޭގެ ނަތީޖާ އެމީހުންނަށް ރަނގަޅަށް ނުވިސްނޭތީ ކަމަށެވެ.
ރަޝިއާގެ މުދަލާ މެދު ނިންމި ނިންމުމަކީ "އަތުލައިގަތުމެއް" ގެ ގޮތުގައި ސިފަކުރައްވައި އޭނާ ވިދާޅުވީ، ރަޝިޔާއިން އެކަން ތަންފީޒުކުރާ ގޮތް ވަރަށް ގާތުން ބަލާނެ ކަމަށެވެ.
އަދި މޮސްކޯއިން ވެސް ދަނީ މިކަމަށް އިޖާބަ ދިނުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އީޔޫ ކައުންސިލުން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފްރީޒްކޮށްފައިވާ މުދަލުން ރަޝިއާއަށް ލިބޭ އާދަޔާ ހިލާފު އާމްދަނީގެ ޕްލޭން މެމްބަރު ގައުމުތަކުން ބަލައިގެންފައިވާ ކަމަށެވެ.
އެހެންކަމުން ރަޝިޔާގެ މުދަލުން ލިބޭ ފައިދާ ބޭނުންކުރާނީ ޔޫކްރެއިންގެ ދިފާއީ އަދި އާރާސްތުކުރުމަށް އެހީތެރިވުމަށެވެ.
މިގޮތުން ފައިދާގެ 90 އިންސައްތަ ޔޫރަޕިއަން ޕީސް ފަންޑު މެދުވެރިކޮށް ޔޫކްރެއިންގެ ދިފާއީ އަދި އަސްކަރީ އެހީތެރިކަމަށް ލިބޭއިރު، 10 އިންސައްތަ ދާނީ އެޤައުމުގައި ހިންގާ ތަފާތު ރީކޮންސްޓްރަކްޝަން ޕްރޮގްރާމްތަކަށެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ފެށި ހަނގުރާމައަށްފަހު ހުޅަނގުގެ ގައުމުތަކުން ވަނީ ގާތްގަނޑަކަށް 300 ބިލިއަން ޑޮލަރުގެ ރަޝިއާގެ މުދާ ފްރީޒްކޮށްފައެވެ.