Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އަދި ނައިބުރައީސަކަށް ނާޒިމު

މި މަހުގެ 28 ވަނަ ދުވަހުގައި ހުވައިކުރާ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މުޝީރު ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޢަބްދުއްރަހީމް އަބްދުﷲ އަދި ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު ނާޒިމް މަޖިލީހުގެ ނައިބުރައީސްކަމަށް އައްޔަންކުރުމަށް ޕީއެންސީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 74 މެންބަރުންނާއެކު މަޖިލީހުގެ ސުޕަ-މެޖޯރިޓީ ލިބިފައިވާ ޕީއެންސީން އެ ދެ ބޭފުޅުން މަޖިލީހުގެ ރައީސްކަމަށާއި ނައިބުރައީސްކަމަށް ގެނައުމަށް ނިންމާފައިވަނީ މިއަދު މުލިއާގޭގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ކެބިނެޓުގެ ވަޒީރުންނާއި ޕީއެންސީގެ އިންތިޚާބީ މަޖިލިސް މެންބަރުންނާއެކު ކުރިއަށްގެންދާ ބައްދަލުވުމުގައެވެ.

އަބްދުއްރަހީމަކީ ފާއިތުވި 5 އަހަރު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމުގައި އެެންމެ އިސްކޮށް ހުންނެވި ބޭފުޅާއެވެ. ޕީއެންސީގެ ރައީސްގެ މަޤާމުގައި ހުންނެވި އަބްދުއްރަހީމަކީ އެއިރު އެކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމުން ވަގުތީ ގޮތުން ޕާޓީއާ ހަވާލުވެވަޑައިގެން ހުންނެވި ލީޑަރެވެ.

ނާޒިމަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަން ކުރައްވާފައިވާ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ މަތީ މަޤާމުތައް އަދާކުރެއްވުމުގެ އިތުރަށް ސިޔާސީ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމަށް އަދި ނާޒިމު މަޖިލީހުގެ ނައިބުރައީސްކަމަށް ގެންނެވުމަށް ނިންމެވި ނިންމެވުމަކީ ރައީސް ޑރ.މުޢިއްޒު އިސްވެހުންނަވައި މިއަދު މުލިޔާގޭގައި ބޭއްވި ބައްދަލުވުމުގައި ނިންމި ނިންމެވުމެކެވެ.

މަޖިލީހުގެ ރިޔާސަތަށް ބޭފުޅުން އައްޔަންކުރެއްވުމުގެ އިތުރަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ މަޤާމުތަކަށްވެސް ބޭފުޅުން ހަމަޖައްސަވާފައިވެއެވެ. ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގައި ޖުމްލަ 74 މެންބަރުން ތިއްބަވާނެއެވެ.

މި ލިއުމާއި ގުޅޭ