Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަނަސްގެ މަރު

އަނަސްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި މީހުންގެ މައްސަލަ އިސްތިއުނާފުކޮށްފި

2017 ވަނަ އަހަރުގެ ޖުލައިމަހު ގްރޫޕަކުން ގޮސް ހަމަލާދީ މުހައްމަދު އަނަސްގެ މަރާލި މައްސަލައިގައި ކުށް ސާބިތުނުވި މީހުންގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލުގެ އޮފީހުން އަނަސްގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ ބުރާސްފަތިދުވަހުއެވެ. މިމައްސަލަ ކޯޓަށް ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައި ނުވެއެވެ.

ކޮންބައެއްކަން ނޭނގޭގޮތަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު އަނަސްއަށް ހަމަލާދީ އޭނާ މަރާލާފައިވަނީ ސަލާމަތްވުމަށްޓަކައި ދުވަމުން ގޮސް މާލޭ ލިޓަސް ސަރވިސް ސެންޓަރުގެތެރެއަށް ވަދެހުއްޓާ ފަހަތުން އެތަނަށް ވަދެއެވެ. މިމައްސަލާގައި ގަސްތުގައި މީހަކު މަރާލިކަމުގެ ދަޢުވާ ދައުލަތުން ކޮށްފައިވަނީ ޅ.ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ.ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ.ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.

އަދި ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު މާލޭ ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

ދަޢުވާ އުފުލުން މި 7 މީހުންގެ މައްޗަށްވެސް ދަޢުވާ އުފުލިފައިވާ ކުށް ސާބިތުނުވާކަމަށް ކްރިމިނަލްކޯޓުން ވަނީ ހުކުމްކޮށްފައެވެ. ކްރިމިނަލްކޯޓުގެ ހުކުމުގައިވާގޮތުން އެ 7 މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް، އެ 7 މީހުން އެކުށުގައި ބައިވެރިވާކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅޭނެ ޖާގައެއްނެތެވެ.

އަނަސްގެ މަރުގެ މައްސަލާގައި 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި މިދިޔަ އަހަރު ހައިކޯޓުން ވަނީ 18 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

މި ލިއުމާއި ގުޅޭ