ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާ (މުސްތަފާބެ)އަށް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ކުރީ ސަރުކާރުގެ ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންގެ މައްޗަށް ހުކުމްކޮށްފިއެވެ.
ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް މުސްތަފާ މި މައްސަލަ ހުށަހަޅާފައިވަނީ، އަކްރަމް އަނބުރާ ދައްކާގޮތައް މުސްތަފާ އަތުން ނަގާފައިވާ 1.7 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް ދީފައިވާ ޗެކުތަކުން ފައިސާ ލިބިފައިނުވާކަމަށް ބުނެއެވެ.
މުސްތަފާގެ އަތުން އަކްރަމް ނަގާފައިވާ 400،000 ރުފިޔާއާއި 50،000 ޑޮލަރު އަނބުރާ ނުދޭކަމަށްބުނެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، ޝަރީއަތަށް ހަރަދުވި ފައިސާއާއި، 1.15މިލިއަންރުފިޔާއާއި، 300،000 ރުފިޔާއާއި، 200،000 ރުފިޔާއާއި 60،000 ރުފިޔާގެ ޗެކަކާއިއެކު ޖުމްލަ 1.8 މިލިއަން ރުފިޔާ ހޯދުމަށް މުސްތަފާގެ ފަރާތުން ކޯޓުގައި އެދިފައިވެއެވެ.
މި މައްސަލައާއި ގުޅިގެން އަކްރަމްގެ ފަރާތުން ބުނެފައިވަނީ 400،000 ރުފިޔާއާ މުސްތަފާއަށް ދީފައިވާނެކަމަށެވެ. ނަމަވެސް، އެ މުއާމަލާތް ސާބިތުކުރުމަށް ބޭނުންވާ ހެކި ހުށަހެޅިފައިނުވާކަމަށާއި، ސާބިތު ހެކި ހުށާހެޅިފައިވަނީ އަކްރަމްގެ ފަރާތުން ހަމައެކަނި 200،000 ރުފިޔާ ރައްދުކުރިއިރުކަމަށް ކޯޓުން ބުނެފައިވެއެވެ.
ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް 100،000 ހަރަދުވިކަމަށް މުސްތަފާ ބުނިނަމަވެސް، އެއަދަދަށް ފައިސާ ހަރަދުވިކަމުގެ އެއްވެސް ހެއްކެތް ނެތުމުން އަކްރަމްގެ އަތުން އެ އަދަދު ނަގައި ނުދެވޭނެކަމަށް ދިވެހިރާއްޖޭގެ ސިވިލްކޯޓުން ނިންމާފައިވެއެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ސިވިލް ކޯޓުން އަކްރަމްގެ މައްޗަށް ހުކުމް ކޮށޤފައިވަނީ، މުސްތަފާގެ އަތުން ނަގާފައިވާ ފައިސާގެ ތެރެއިން 400،000 ރުފިޔާއާއި 50،000 ޑޮލަރު ޖުލައި 19ގެ ކުރިން ދެއްކުމަށެވެ.