Friday 14th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހަ މަހުން 40 މިލިއަން ޑޮލަރަށް

ދައުލަތުގެ ދަރަނި އަދާކުރުމަށް 2017 ވަނަ އަހަރު ޤާއިމުކުރި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި މިހާރު 40 މިލިއަން ޑޮލަރު ހުރިކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަފީގް އޮންލައިން ނޫސް "މިރާ"އަށް ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ހަމައެކަނި ދެ މިލިއަން ޑޮލަރު ފޮރުވިފައި ހުރި ފަންޑު ހަ މަސް ދުވަހުގެ ތެރޭގައި 40 މިލިއަން ޑޮލަރަށްވުރެ މަތިވުމަކީ ރާއްޖޭގެ އިގްތިޞާދަށް ލިބިގެން ދިޔަ ޔަގީން ކަމެއް ކަމަށެވެ.

އަދި އެ ފައިސާއަކީ މިވަގުތު ހަމައެކަނި އެއާޕޯޓުން ލިބޭ އެއްޗެއް ކަމުގައި ވިޔަސް ކުރިއަށް އޮތްތަނުގައި މި ފަންޑުގެ ޖަމާ ބޮޑުތަނުން އިތުރު ވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީގް ވިދާޅުވީ މި އަހަރު ސޮވްރިން ޑިވްލޮޕްމަންޓް ފަންޑު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަށް އިތުރު ކުރުމަށް ކުރައްވާ އުންމީދު ބޮޑުކަމަށެވެ.

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި މި އަހަރު ނިމޭއިރު 100 މިލިއަން ޑޮލަރު ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ރައީސް ޑރ. މުއިއްޒު މީގެ ކުރިން މާޅޮމަސްމަޑުލު އުތުރުބުރިއާއި ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގައި ރ.އަލިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤުތިޞާދު އޮތް ހާލަތާއި އެ ހާލަތުން އަރައިގަތުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް ވާރުތަވީ ވަރަށް ފުން އަނދަވަޅެއްގައި އޮތް އިޤުތިޞާދެއް ކަމަށެވެ.

ރައީސް ވިދާޅުވީ 120 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަނި ދައްކަމުން، ރައްޔިތުންނަށް ސަރުކާރުން ދައްކަންޖެހިފައިހުރި 9 ބިލިއަން ރުފިޔާގެ ބިލުތައް އަދާކުރަމުންދާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ބަދަލުދިނުމުގެ ނަމުގައި ފައިސާ ބެހުމަށް ހެދި ކޮމިޓީ އުވައިލާ، ލޯނު ދައްކަން އެކުލަވައިލި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް އަލުން ބޭރު ފައިސާ ޖަމާކުރަން ފަށާފައިވާ ކަމަށެވެ.

އިޤުތިޞާދަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އިއާދަކުރުމުގެ ގޮތުން ފައިސާ ޗާޕުކުރުން ހުއްޓައިލާ، އިޤުތިޞާދުގެ ބާރުވެރިކަން ރުޖޫއަކުރުމުގެ ގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކުރުމުގެ މަސައްކަތްކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އައު ޓެކްސްތަކެއް ތައާރަފުކުރެއްވުމުގެ ވިސްނުންފުޅެއް އެމަނިކުފާނު ނުގެންގުޅުއްވައެވެ. އެމަނިކުފާނުގެ ވިސްނުންފުޅަކީ ޓެކްސްތައް ތައާރަފުކުރުމުގެ ބަދަލުގައި ޓެކްސް ބޭސް ނުވަތަ ޓެކްސް ދައްކާ ފަރާތްތައް އިތުރުކުރެއްވުންކަމަށް ވިދާޅުވިއެވެ.
ކޮވިޑް-19ގެ ތެރޭގައި އެސްޑީއެފްގައި ހުރި 150 މިލިއަނަށްވުރެ ގިނަ ޑޮލަރު ކުރީ ސަރުކާރުން މާރުކުރުމަށްފަހު 2022 އަދި 2023 ވަނަ އަހަރު އެ ފަންޑަށް ފައިސާ ޖަމާކުރި ދިވެހި ރުފިޔާއިންނެވެ. ނަތީޖާއެއްގެ ގޮތުން ބޭރުގެ ދަރަނި އަދާކުރުމުގައި އެ ފަންޑުގެ ބޭނުންކުރެވޭނެ ގޮތްވަނީ ނުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ބޭރު ފައިސާ ޖަމާކުރަމުންދާއިރު މި އަހަރު ނިމޭއިރު އެ ފަންޑުގައި 100 މިލިއަނަށްވުރެ ގިނައިން ޑޮލަރު ހުންނާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ