އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ނޫރުއައިން މުހައްމަދު އަލީ ޖަނާހުއާ ގުޅުވައިގެން ޗެނަލް 13 އިން ފަތުރަމުން ދަނީ ދޮގު ވާހަކައެއްކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައިސަލް މިފަދައިން ވިދާޅުވީ އެމްއެމްޕީއާރްސީން ރާއްޖެ ޕްރޮމޯޓުކުރުމަށް ބޭރުގައި ބާއްވާ ހަރަކާތްތަކަށް ނޫރައިން ނުގެންދިއުމަށް މިނިސްޓަރު ފައިސަލް އަންގަވާފައިވާކަމަށް ބުނެ ޗެނަލް 13 އިން ފަތުރަމުންދާ ޚަބަރަކާއި ގުޅިގެންވެވެ.
"ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީގެ ލީޑަރޝިޕްގައި ތިބި ފަރާތްތަކާއިމެދު އޮތީ ވަރަށް އެކުވެރި ބަދަހި ގުޅުމެއް. އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން މިތިބީ ރައީސް މުއިއްޒުގެ ތަސައްވަރުގައިވާ އިންގިލާބީ ހެޔޮ ބަދަލުތައް މި ސިނާއަތަށް ގެނެސްދިނުމަށް." މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް އައިޓީބީ ޗައިނާ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައިވެސް ނޫރައިން ބައިވެރިވާނެކަމަށާއި އިންތިޒާމްކޮށް ރޭވިގެން އެ ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަނބަލުންނަށް ޓާގެޓްކޮށްގެން އެފަދަ ދޮގު ވާހަކަތައް ފަތުރައިގެން އެކަނބަލުންގެ އަޒުމް ބަލިކަށި ނުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އޮތް ކަމަށެވެ.