Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ މިނިސްޓަރ ފައިސަލް

ޑިވެލޮޕްމެންޓު ބޭންކު ޤާއިމުކުރެއްވުމަކީ ރައީސްގެ ދުރުވިސްނޭ ސިޔާސަތުން ހާސިލުވި ލަނޑުދަނޑިއެއް: ފައިސަލް

ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށް ރާއްޖޭގައި ޑިވެލޮޕްމެންޓު ބޭންކެއް ޤާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ތެރެއިން ހާސިލުކުރެވުނު ލަނޑުދަނޑިއެއްކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ސަރުކާރުން އަދި އަމިއްލަ ފަރާތްތަކުން ހިންގާ އިޤުތިޞާދީ ތަރައްޤީއާއި އުމްރާނީ ކުރިއެރުމާ ގުޅުންހުރި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޑިވެލޮޕްމެންޓު ބޭންކެއް އުފެއްދެވުމަކީ ރައީސް ޑރ.މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

އެ ވައުދުފުޅާ އެއްގޮތަށް މި މަހުގައި ބޭންކު އުފައްދަވާފައިވެއެވެ. އަދި ޖުލައި މަހުގައި އެ ބޭންކުން ޚިދުމަތް ދިނުމަށް ފަށާނެކަމަށް އިކޮނޮމިކް ޑިވެލޮޕްމެންޓު މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެފައިވެއެވެ. އަދި ބޭންކަށް އިންވެސްޓުކުރުމަށް ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކުން މިހާރުވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑިވެލޮޕްމެންޓު ބޭންކު އުފެއްދެވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލު ވިދާޅުވީ ރައީސްގެ ދުރުވިސްނުމުގެ ތެރެއިން ޑިވެލޮޕްމެންޓު ބޭންކު އޮފް މޯލްޑިވްސް ޤާއިމުކުރެއްވުމަކީ ދިވެހިރާއްޖެއަށް ހާސިލުވި ތާރީޚީ ލަނޑުދަނޑިއެއް ކަމަށެވެ.

އަދި ޑިވެލޮޕްމެންޓު ބޭންކު ޤާއިމުކުރެއްވުމުގެ ފަހަތުގައިވަނީ ރާއްޖޭގެ އިޤުތިޞާދު އިތުރަށް ފުޅާކުރެއްވުމާއެކު ބައިނަލްއަޤުވާމީ މަސްރަހުގައި ރާއްޖޭގެ މަޤާމު އިތުރަށް އުފުއްލެވުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރާއި ވިސްނުންފުޅުކަމަށް ފައިސަލް ވިދާޅުވިއެވެ.

ޑިވެލޮޕމެންޓު ބޭންކުތަކަކީ އާންމު ބޭންކުތަކުން ފައިނޭންސްނުކުރާ ތަރައްޤީގެ މަޝްރޫޢުތައް ފައިނޭންސް ކުރުމަށް ރިސްކު ކެޕިޓަލް ދޫކުރާ މާލީ މުއައްސަސާތަކެކެވެ. އެ ކުންފުނިތަކުން ފައިސާ ދޫކުރަނީ ކޮމާޝަލް ރޭޓުތަކަށްވުރެ އެގުހެޔޮކޮށެވެ.

މިފަދަ ބޭންކުތަކުން އާންމުކޮށް ފައިސާ ދޫކުރަނީ ނުވަތަ ލޯނު ދެނީ ސަރުކާރުތަކުން ނުވަތަ ނަން ގަވަމެންޓު އޯގަނައިޒޭޝަންތަކުން ހިންގާ އިޤުތިޞާދީ ތަރައްޤީއާ ގުޅުންހުރި މަޝްރޫޢުތަކަށެވެ. އެހެންކަމުން މި ބޭންކު ޤާއިމުކުރެވުމުން ރާއްޖޭގެ އިޤުތިޞާދުގެ ތެރެއިން ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް ސަރުކާރަށް މަގުފަހިވާނެއެވެ.
މި ލިއުމާއި ގުޅޭ