ފީފާ އަންހެނުންގެ ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ދެކުނު އެމެރިކާގެ ގައުމަކަށް ބްރެޒިލް ވެއްޖެ އެވެ.
ބްރެޒިލްގައި އަންހެނުންގެ ވޯލްޑް ކަޕް ބާއްވާނީ 2027 ވަނަ އަހަރު އެވެ. އެ ގައުމުން ބިޑް ކާމިޔާބުކުރީ ހުކުރު ދުވަހު ތައިލެންޑުގެ ބެންކޮކްގައި ބޭއްވި ފީފާގެ އަހަރީ ކޮންގްރެސްގަ އެވެ. އެ ކޮންގްރެސްގައި ބްރެޒިލް ވަނީ 119 ވޯޓުގެ ތެރެއިން 78 ވޯޓު ކާމިޔާބުކޮށްފަ އެވެ.
ބްރެޒިލްއާ އެކު މުބާރާތް ބާއްވަން ހުށަހެޅީ ބެލްޖިއަމް އާއި ނެދަލެންޑްސް އަދި ޖަރުމަނުގެ ޖޮއިންޓް ބިޑެވެ.
"މަރުހަބާ ބްރެޒިލް. ބްރެޒިލްގައި ބާއްވާނީ އަންހެނުންގެ އެންމެ ފުރިހަމަ ވޯލްޑް ކަޕް" ބްރެޒިލަށް ބިޑް ކާމިޔާބުވިކަން ހާމަކުރަމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވި އެވެ.
ހުށަހެޅި ދެ ބިޑްގެ ތެރެއިން ބްރެޒިލަށް ކުރި ލިބުނީ، މުބާރާތް ބާއްވާ ސްޓޭޑިއަމްތަކާއި، އެކޮމަޑޭޝަން އާއި ސަޕޯޓަރުންގެ ޒޯންތަކާއި ދަތުރުފަތުރާއި ގުޅޭ ހުށަހެޅުންތައް އިވެލުއޭޝަން ރިޕޯޓްގައި ރަނގަޅުވުމުންނެވެ.
މުބާރާތް ބާއްވަން އެމެރިކާ އާއި މެކްސިކޯ ވެސް އެކުވެގެން ބިޑްކުރި އެވެ. އެކަމަކު އޭޕްރީލް މަހު އެ ބިޑް އަނބުރާ ގެންދިޔަ އެވެ. އެ ދެ ގައުމުން މިހާރު ވިސްނަނީ 2031 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕަށް ބިޑް ކުރާށެވެ.
ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭސް ވިދާޅުވީ ބްރެޒިލްގައި މުބާރާތް ބޭއްވުމަކީ ދެކުނު އެމެރިކާގެ އަންހެން ކުޅުންތެރިންނާއި އެ ބައްރުގެ އަންހެނުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
ބްރެޒިލްގެ ބިޑް ޓީމުގައި މަސައްކަތްކުރި އޮޕަރޭޝަނަލް މެނޭޖަރ ވެލެސްކާ އަރައުހޯ ބުނީ ވޯލްޑް ކަޕާ އެކު ބްރެޒިލް އާއި އެ ސަރަހައްދުގެ އަންހެނުންގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.
ބްރެޒިލުން ވަނީ ފިރިހެނުންގެ ވޯލްޑް ކަޕް 1950 އަދި 2014 ވަނަ އަހަރު ބާއްވާފަ އެވެ.
އެންމެ ފަހުގެ އަންހެނުންގެ ވޯލްޑް ކަޕް 2023 ވަނަ އަހަރު ބޭއްވީ އޮސްޓްރޭލިއާ އަދި ނިއު ޒީލެންޑްގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ފައިނަލުގައި އިންގްލެންޑް ބަލިކޮށް ހޯދީ ސްޕެއިން އެވެ. ބްރެޒިލްގައި މުބާރާތް އޮންނާނީ 2023 ވަނަ އަހަރު އޮތް 32 ޓީމުގެ ފޯމެޓްގަ އެވެ.
ޗައިނާ، ސްވިޑެން، އެމެރިކާ، ޖަރުމަނު، ކެނެޑާ އަދި ފްރާންސުން ވަނީ މީގެކުރިން އަންހެނުންގެ ވޯލްޑް ކަޕް ބާއްވާފަ އެވެ.