3 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ގެއްލިގެން ހޯދަންފަށައިފިއެވެ.
3 މީހުންނާއެކު ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ “AAA-37” ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފައިވާކަމަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން މައުލުމާތުދީފިއެވެ.
އެމްއެންޑީއެފް އިން މައުލުމާތު ދިން ގޮތުން މި ދޯނި ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ 17:20 ގައެވެ.
AAA-37 ނަމަކަށް ކިޔާ ދޯންޏަކީ އަތޮޅުތަކަށް މުދާ ބަރުކޮށޤގެން ދުއްވާ ދޯންޏެއްކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އެ ދޯނި ތިލަފުށިން ދަތުރު ފަށާފައިވަނީ އިއްޔެ ހެނދުނު 06:00 ހާއިރުކަމަށާއި، އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ދަނީ ހަރަކާތްތެރިވަމުންދާކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ދޯންޏާ ބެހޭ މައުލޫމާތެއް ހިއްސާކުރުމަށް: 191 (ކޯސްޓްގާޑު)