ފްރާންސްގެ ރައުއެން ސިޓީގައި ހުންނަ ޔަހޫދީންގެ ފައްޅިއެއްގައި އަލިފާން ރޯކޮށްލަން އުޅުނު ހަތިޔާރު އެޅި މީހަކު ފުލުހުން ބަޑިޖަހައި މަރާލައިފިއެވެ.
ދާޚިލީ ވަޒީރު ޖެރަލްޑް ޑާމަނިން ވަނީ އޮންލައިންކޮށް ނެރުއްވި ބަޔާނެއްގައި ފުލުހުންގެ ފިޔަވަޅު ތައް އިއުލާނު ކުރައްވާފައެވެ.
"ރައުއެންގައި ގައުމީ ފުލުހުންގެ އޮފިސަރުން މިއަދު ފަތިހު ހަތިޔާރު އެޅި މީހަކު ނިއުޓްރަލައިޒް ކުރީ އެ ސިޓީގެ ފައްޅިއެއްގައި އަލިފާން ރޯކޮށްލަން އުޅެނިކޮށް،" އެކްސްގައި އޭނާ ވިދާޅުވިއެވެ.
ޕެރިހުގެ އުތުރުން ގާތްގަނޑަކަށް 84 މޭލު ބޭރުގައި އޮންނަ އެ ސިޓީގައި ހިނގި ހާދިސާއާ ބެހޭގޮތުން އެސިޓީގެ މޭޔަރު ނިކޮލާ މޭޔަރ-ރޮސިގްނޯލް ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ ފިޔަވައި އެހެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
"ސިނަގޯގް (ފައްޅި) ގައި ރޯކޮށްލުމުގެ ސަބަބުން އެކަމުގެ އަސަރު ކުރަނީ ހަމައެކަނި އިސްރާއީލުގެ މުޖުތަމައުއަކަށް ނޫން، މުޅި އަވަށަށް އެކަމުގެ ގެއްލުން ލިބޭނެ" އެކްސްގައި އޭނާ ވިދާޅުވިއެވެ.
ފްރާންސްގެ ޔަހޫދީ މުއައްސަސާތަކުގެ ރެޕްރެޒެންޓޭޓިވް ކައުންސިލްގެ ރައީސް ޔޮނަތަން އަރްފީ ވިދާޅުވީ އެ އަމަލަކީ ހުރިހާ ޔަހޫދީންނަށް ބިރު ދެއްކުމުގެ ގޮތުން ހިންގި އަމަލެއް ކަމަށެވެ.
ފްރާންސްގެ ސެންޓްރަލް ކޮންސިސްޓަރީގެ ރައީސް އެލީ ކޯޗިއާ ވަނީ މި ހާދިސާއާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތާ މެދު ތައުރީފް ކުރައްވައިފައެވެ.
ފަރަންސޭސިވިލާތުގައި މި ހާދިސާ ހިނގާފައި މިވަނީ ޣައްޒާގައި އިސްރާއީލާއި ހަމާސް ހަނގުރާމައާއި ގުޅިގެން ފަރަންސޭސިވިލާތުގައި ނުތަނަވަސްކަން އުފެދި، ސެމިޓިކް އާ ދެކޮޅު ހާދިސާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވީ އެ ޖަރީމާއަކީ "ޝޯއާގެ ހަނދާންތަކާއި ޝިކާރައަކަށްވި މީހުންގެ ހަނދާން ވެސް" ނިގުޅައިގަތުމުގެ އަމަލެއް ކަމަށެވެ.
ފަރަންސޭސިވިލާތުގައި 2023 ވަނަ އަހަރު ޔަހޫދީންނާ ދެކޮޅު ހާދިސާތައް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1000 އިންސައްތަ އިތުރުވެފައިވާ ކަމަށް އެ ގައުމުން ބުނެއެވެ.