Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އުރީދޫގެ ފުރަތަމަ ''ޑިޖިޓަލް އައިލެންޑަކަށް'' ލަންދޫ ހަމަޖައްސައިފި

ދިވެހިރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެންމެ ފުރަތަމަ ޑިޖިޓަލް އައިލެންޑުގެ ގޮތުގައި ނ.ލަންދޫ ހަމަޖައްސައިފިއެވެ.
އުރީދޫން މިއަދު ބުނީ ލަންދޫގައި އުރީދޫ ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވް އިފުތިތާހުކުރުމާއެކު އޭއައިގެ އެހީގައި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބޮޅެއް އިތުރުވީ ކަމަށެވެ.
މި މަސައްކަތަކީ އެ ކުންފުނިން މުޅި ރާއްޖެ ޑިޖިޓަލް މޯލްޑިވްސްއަކަށް ހަދައި ހުރިހާ ރައްޔިތުންނަކީ ވެސް މިކަމުގައި ޝާމިލުވާ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ލަންދޫ ކައުންސިލާ ގުޅިގެން އެ ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އެ ކުންފުނީގެ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ސިއްހީ ދާއިރާ, ތައުލީމީ ދާއިރާ އަދި ވިޔަފާރިފަދަ ދާއިރާތައް ކުރިއަރުވައި އެ ދާއިރާތައް ކުރިއަރުވަން އިތުރު މަގުތައް ފަހިކޮށްދިނުން ކަމަށެވެ.

އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމްގެ އިފްތިތާހީ ރަށެއްގެ ގޮތުގައި ލަންދޫ ކަނޑައެޅުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

''އަޅުގަނޑުމެންގެ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް، އެމް-ފައިސާ، ލަންދޫ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ތެރެއަށް މިދިޔަ އަހަރު އިންޓަގްރޭޓް ކުރުމަކީ ރަށުގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ އަށްޑިހަ އިންސައްތަ އަކީ ޑިޖިޓަލްކޮށް ކުރެވޭ މުއާމަލާތްތައް" ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
ލަންދޫ ކައުންސިލްގެ ރައީސް ޢަބްދުލް ޢަޒީޒް މުޙައްމަދު ވަނީ އުރީދޫ މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ.
ޓެކްނޮލޮޖީގެ ބޭނުން ހިފައި، ރަށުގެ ރައްޔިތުންނަށް ޢާންމު ޚިދްމަތްތަކާއި، މުޅި ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި، ކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް އެބައޮތް ކަމަށާއި އުރީދޫއާ ގުޅިގެން މަސައްކަތްކޮށްގެން، ލަންދޫގެ ރައްޔިތުންނަށް އިތުރު ފައިދާއެއް ކުރާނެ އާ ޒަމާނުގެ ޑިޖިޓަލް ސޮލިއުޝަންތަކެއް ތައާރަފުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުރީދޫން ވަނީ އެ ކުންފުނީގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ޚިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަން ކަށަވަރުކޮށް، ޑިޖިޓަލް މި ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
މި ލިއުމާއި ގުޅޭ