ޒަކާތާއި ޞަދަގާތުގެ މަންފާތަކުގެ ތެރޭގައި ތިމާހެ މުދާ ތާހިރުވުމާއި ބަލިތަކަށް ޝިފާލިބުން ލައްވާފައިވާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "މުދަލު ޒަކާތް" މިއެވެ.
ޚުތުބާގައި ބުނެފައިވަނީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުން ޚަލްގު ކުރައްވާފައިވަނީ ސިފަޔާއި ތަބީޢަތާއި ރިޒުގުތަކުގައި ތަފާތު ވަނިިގޮތުގައިކަމަށާއި ރިޒުގު ހޯދުމާއި ދެއްވުމުގައިވެސް އެ ތަފާތު ކުރައްވާފައިވާކަމަށެވެ.
"މުދަލުގެ ހަގީގީ މިކްކުވެރި ފަރާތަކީ މާތް ﷲ އެވެ. އެހެންކަމުން އެކަލާނގެ އަންގާފައިވާ ގޮތުގެމަތިން އެމުދަލުން ފަގީރުންނަށާއި މިސްކީނުންނަށާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ ﷲގެ މަގުގައި ހޭދަކުރަން ޖެހެއެވެ.ޒަކާތް ދިނުމަކީ އީމާންކަމުގެ އަހުލުވެރިންގެ ސިފައެކެވެ." ޚުތުބާގައި ބުނެފައިވެއެވެ.
މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "އަދި އެއުރެންނީ ޒަކާތް ދޭ މީހުންނެވެ."
އިބުނު ކަޘީރު ރަހިމަހުﷲ ވިދާޅުވިއެވެ. "މުދަލު ޒަކާތަށް ޒަކާތުގެ ނަމުން ނަން ދެވުނީ ޒަކާތް ދިނުމުގެ ސަބަބުން ޒަކާތްދޭ މީހާ ހަރާމް ކަންކަމުން ތާހިރުކޮށްދޭތީއެވެ. އަދި އެ މުދާ އިތުރުވެ އެއަށް ބަރަކާތް ލެއްވި ގިނަ މަންފާތަކެއް ލިބުމުގެ ސަބަބެއް ކަމުގައި ވާތީއެވެ. އަދި ﷲއަށް ކިޔަމަންތެރިކަން އަޑާކުރުމުގައި އެ މުދާ ބޭނުން ކުރުމުގެ ތައުފީގު ލިބޭތީއެވެ."މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން މުދަލަށް ލޯބިކުރަމުއެވެ.
"ޒަކާތް ދިނުމާއި ސަދަގާތް ދިނުމުގެ ދުންޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެ މުދާ ތާހިރުވުމާއި ބަލިތަކަށް ޝިފާލިބުން ލައްވާފައިވެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.
"ކީރިތި ގުރުއާނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވާ ޒަކާތަކީވެސް މުދަލު ޒަކާތެވެ. އިސްލާމް ދީނުގެ ރުކުނެއްކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީވެސް މުދަލު ޒަކާތެވެ. ފިތުރު ޒަކާތަކީވެސް ވާޖިބެކެވެ. ނަމަވެސް އެއީ އިސްލާމް ދީނުގެ ރުކުނެއް ނޫނެވެ. އެހެންކަމުން ޒަކާތުގެ ނިޞާބު ހަމަވާ މިންވަރަށް ތިމާގެ އަތުގައި ފައިސާ ނުވަތަ މުދާ ހުރެފައި އެއަށް ހަނދުމަހުން އެއް އަހަރު ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާނެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.