Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަޖެޓު ޑެފިސިޓު

ދައުލަތުގެ އާމްދަނީ އިތުރުވެ، ޚަރަދުތައް ކުޑަކުރެވި، ޕްރައިމަރީ ޑެފިސިޓު 84 އިންސައްތަ ދަށަށް

ފާއިތުވި އަހަރާ އަޅާބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާއިރު ދައުލަތުގެ ޚަރަދުތައް ނިމުނު އަހަރަށްވުރެ 11 އިންސައްތަ ދަށްވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއްފަހަރު އާންމުކުރާ މާލީ ހިސާބުތަކުން ފެންނަ ގޮތުގައި މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ހިނގަމުންދާ މޭ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.4 ބިލިއަން ރުފިޔާއެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 11.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4 އިންސައްތަ އިތުރުވުމެކެވެ.

ދައުލަތުގެ އާމްދަނީ ނިމުނު އަހަރަށްވުރެ އިތުރުވެފައިވާއިރު، ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު ދައުލަތުން ޚަރަދުކުރި ފައިސާގެ އަދަދުވަނީ މަދުވެފައެވެ. އެގޮތުން މި އަހަރުގެ ޖަނަވަރީ މޭ މަހުގެ 2 ވަނަ ދުވަހަށް 14.3 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު ފާއިތުވި އަހަރުގެ އެ މުއްދަތުގައި 16.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެހެންކަމުން މި އަހަރު ދައުލަތުގެ ޚަރަދުތައްވަނީ 11 އިންސައްތަ ދަށްވެފައެވެ.

ފާއިތުވި އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓު ނުވަތަ ދަރަނި އަދާކުރުމުގެ ޚަރަދުތައް އުނިކުރުމަށްފަހު އާމްދަނީއަށްވުރެ އިތުރަށް ޚަރަދުކުރި ފައިސާގެ އަދަދު 2.5 ބިލިއަން ރުފިޔާއަށް އަރާއިރު، މި އަހަރު އެ އަދަދު އުޅެނީ 386 މިލިއަން ރުފިޔާގައެވެ. އެހެންކަމުން ޕްރައިމަރީ ޑެފިސިޓުވަނީ 84 އިންސައްތަ ދަށްވެފައެވެ.

ޕްރައިމަރީ ޑެފިސިޓުގެ އިތުރަށް ޖުމްލަ ޑެފިސިޓުވެސް މި އަހަރުވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ. އެގޮތުން 2023 ވަނަ އަހަރު ޖުމްލަ ޑެފިސިޓު ނުވަތަ ދަރަނި އަދާކުރުމުގެ ޚަރަދުތައް ހިމަނައިގެން އާމްދަނީއަށް ވުރެ އިތުރަށް ކުރި ޚަރަދު 4.2 ބިލިއަން ރުފިޔާއަށް އަރާއިރު، މި އަހަރު އެ އަދަދު އަރަނީ 1.9 ބިލިއަން ރުފިޔާއަށެވެ. އެއީ ޖުމްލަ 51 އިންސައްތަ ދަށްވުމެކެވެ.

މި އަހަރުގެ މިހާތަނަށް ލޯނު އަދާކުރުމަށް ޖުމްލަ 978 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލޯނު އަދާކުރުމަށް ޚަރަދުވެފައިވަނީ 886 މިލިއަން ރުފިޔާއެވެ.

ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަޖެޓު ޑެފިސިޓުތައް ކޮންމެ އަހަރަކު އިތުރުވަމުންދާތީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ފާއިތުވި އަހަރުތަކުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދައުލަތުގެ ޚަރަދުތައް ކުޑަކުރެވި އާމްދަނީ އިތުރުކުރުމަށް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އިޤުތިޞާދީ ގޮތުންނާއި މާލީ ގޮތުން ރާއްޖެއަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް، ސަރުކާރުން އިޤުތިޞާދު ހަމަމަގަށް އެޅުވުމަށްޓަކައި އެކަށައަޅާފައިވާ ހޯމް ގްރޯން ރިފޯމުތައް ނުވަތަ އަމިއްލަ އިސްނެގުމަށް އެކުލަވައިލާފައިވާ އިސްލާހުތައް ތަންފީޒުކުރެވުމުން ދައުލަތަށް ކުރިމަތިވެފައިވާ ބޮޑެތި މާލީ ހިރާސްތައް ގިރާކުރެވޭނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކު ފަދަ މާލީ އިދާރާތަކުން ބުނެއެވެ.

މި ލިއުމާއި ގުޅޭ